މާލޭގެ މަގުތަކުން ފެނިގެންދަނީ އެއްވެސް ޕްލޭނެއް ނެތި ދިގު މުއްދަތެއް ވަންދެން މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ނަތީޖާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ ބިޔަމަޝްރޫއު ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުފެށި މާލެ މަގުހެދުމުގެ މަޝްރޫޢުއަކީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ މަޝްރޫއެކެވެ.
މާލޭ ސިޓީގެ މަގު ހެދުމުގެ މަޝްރޫއަކީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް މިހާތަނަށް މާލޭސިޓީގައި ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއެެވެ. މާލެ ވެސްޓް ޕާކު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.
މަސައްކަތް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ތަނަކަށް ހެދުމަށް ކުރާ މަސައްކަތަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަަމަށެވެ. އެގޮތުން ބޯހިޔާވަހި ކަމާއި، ޓްރެފިކް މައްސަލަތަކާއި، ހިނގާބިނގާވެ އުޅެވޭނެ ފަސޭހަ ގޮތެއްވެސް މާލޭގައި ނެތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި މާލޭގެ މި ފެށި މަޝްރޫއަކީ މާލެއަށް ދިމާވެފައިވާ މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ފެށުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ފެންނަ ނަތީޖާއަކީ އެއްވެސް ޕްލޭނެއް ނެތި ދިގު މުއްދަތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ނަތީޖާ. މި ފެށީ ފުރަތަމަ މަސައްކަތް. މުޅި މާލޭގެ ޕްރޮޖެކްޓް ނިމިގެންދާއިރު މަޝްރުޢުއަށް ސަރުކާރުން 469މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައި. ލާމަރުކަޒީ ގޮތުން ގެނެވުނު ބަދަލަށްފަހު މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ބަލަހައްތާނީ ސިޓީ ކައުންސިލުން. ސަރުކާރުން މިކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނަން." ރައީސް ވިދާޅުވިއެވެ.
މާލެ މަގުހެދުމުގެ ބިޔަ މަޝްރޫޢުގެ ދަށުން މާލޭގެ 416މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. ޕްރޮޖެކްޓް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ މި މަޝްރޫޢުއަށް ފަސޭހަކަމާއިއެކު ދަޢުލަތުން ފައިސާ ހަމަޖައްސައިދެއްވުމަކީ މުޅި މާލޭގެ ރައްޔިތުން ސަރުކާރަށް ޝުކުރުއަދާކުރާ ކަމެއްކަމަށެވެ.
ޝިފާ ވިދާޅުވީ މިއީ ވަރަށް ބޮޑަށް ރާވައިގެން، މާލޭގެ މަގުތަކުގައި ހުރި ހުރިހާ މައްސަލަތަކަށް ޙައްލު ހޯދޭނެހެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. މަސައްކަތް ފުރަތަމަ ފަށާއިރު ގާއެޅި ނަމަވެސް، މަގުތަށް ތާރު މަގުތަކަކަށް ބަދަލުކުރާނެކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.
"ފެންހޮޅި، ނަރުދަމާހޮޅި، މުއާސަލާތީ ވިއުގަ އަޅާނީ މަގުގެ އަޑިން އަބަދު ކޮންނަން ނުޖެހޭގޮތަށް. ފެންބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެ. އަދި މަގުތައް ފަރުމާކުރަނީ ބަހުގެ ޚިދުމަތަށްވެސް ފަސޭހަވާނެހެން. މި މައްކަތްތައް ނިންމުމަށް 2-3 އަހަރުނަގާނެ." ޝިފާ ވިދާޅުވިއެވެ.
މާލޭގެ މަގުތައް ހަދަނީ 5 ގިންތިއަކަށް ދަރަޖަކޮށްގެންނެވެ. އެއީ 4 ފުރޮޅުލީ ބަރު ވެހިކަލް، 4 ފުރޮޅުލީ އާދައިގެ އުޅަނދު، 2 ފުރޮޅުލީ އިންޖީނު އުޅަނދު، 2 ފުރޮޅުލީ އިންޖީނުނުލާ އުޅަނދު އަދި ހަމައެކަނި ފައިމަގަގުގައި އުޅޭ މަގުތަކެވެ.
ސިފާ ވިދާޅުވީ މަގުތަކުގެ މަސައްކަތް ކުރާއިރު އާއްމުގެ ރައްކާތެރިކަން އިތުރުކުރުމަށް ލައިޓްތައް އިތުރުކުރުމާއި ކެމެރާވެސް މަގުތަކުގައި ހަރުކުރާނެކަމަށެވެ.
މަގުތައް ހަދާނީ ފަހަރަކު 2 މަގު ބަންދުކޮށްގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހަދާ މަގުތައް 2 މަސްތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.
ފުރަތަމަ ފިޔަވަހީގެދަށުން ހެދުމަށް ހަމަޖެހިފައިވަނީ ވެސްޓް ޕާކު ސަރަޙައްދުގެ 8 މަގެެވެ. އެސަރަޙައްދުގެ 1.9 ކިލޯމީޓަރުގެ މަގު ހެދުމަށް 50މިލިއަން ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.