ޖުމްހޫރީ މައިދާން މަރާމާތުކުރުމަށްފަހު އަލުން ހުޅުވިގެންދާއިރު އެތަން ވެގެންދާނީ މާލޭގައި ހުރި އެންމެ ފުރިހަމަ ހިތްފަސޭހަށް މައިދާނަށް ކަމަށާއި، ޖުމްހޫރީ މައިދާން އޭގެ އެންމެ ފުރިހަމަ ހައިބަތުގައި އާއްމުންނަށް ފެނިގެންދާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ފަންސާހާއި ދިމާކޮށް، މާލޭގެ އެކި ސަރަހައްދުތަކުގައި ފެންއަރުވާ ވަޑާމާއި، ހިތްފަސޭހަ މައިދާންތައް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު މީގެތެރެއިންވެސް އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ޖުމްހޫރީ މައިދާނުންނެވެ. އެމް.ޓީ.ސީ.ސީގެ އިސްނެގުމާއެކު ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެތަން އަލުން ހުޅުވިގެންދާނީ ބޮޑެތި ބަދަލުތަކަކާއެކު ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. ޕަބްލިކް ސާރވިސް މީޑިއާ، ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި މިހާރު ހުރި ޕާކްތަކާއި، މައިދާންތައް މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެމިނިސްޓްރީން އެންމެ ޚާއްސަ ސަމާލުކަމެއް ދީގެން މިވަގުތު ކުރަމުންދާ އެއް މަސައްކަތަކީ ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތެވެ. މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ، ޖުމްހޫރީ މައިދާން އަލުން ހުޅުވޭއިރު، އެތަނުގައި ޒަމާނީ ފެންއަރުވާ ވަޑާމެއް ހެދުމުގެ އިތުރުން އެތަނުގެ ވިނަގަނޑު އެއްކޮށް ބަދަލުކޮށް، މެދުގައި އަޅާފައިވާ ޓެރާޒޯ އަލުން އާ ޑިޒައިންތަކަކާއެކު ފެނިގެންދާނެކަމަށެވެ. އަދި ޖުމްހޫރީ މައިދާން ވަށައި ވޯކްވޭއެއް ހެދިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު މިއީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ އަހަރުކަމުން، މަސައްކަތް ފަށާފައިވާ ޕާކްތަކާއި، މައިދާންތައް ޖުލައި 26ގެ ނިޔަލަށް ހުޅުވިގެން ދިޔުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމުގައި ސަރުކާރުގެ ކުންފުނިތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށްވެސް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަސައްކަތަކީ، މިނިވަން ފަންސާހުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ނޫންކަމަށާއި، މި މަސައްކަތް ކުރަނީ ސީދާ ހައުސިންގ މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްގެންކަން މިނިސްޓަރ މުއިއްޒު ވަނީ ފާހަގަކުރައްވާފައިއެވެ.