ކޮރޯނާ ވައިރަސްގެ ސަބަބުން މޯލްޑިވިއަންއިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލާފައި ވާތީ، ލިބެމުންދާ ގެއްލުން ކުޑަ ކުރަން އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރު ފަށަން ނިންމާފައިވާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ އެ ކުންފުނިން ރާއްޖެއިން ބޭރަށް ދަތުރު ކުރަން ބޭނުން ކުރާ އެއާބަސް އޮޕަރޭޝަންގެ ބޮޑުބައި ބިނާވެފައި އޮތީ ޗައިނާއަށް ކުރާ ދަތުރުތަކަށްކަމަށެވެ. ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުމުން ކުންފުންޏަށް ގެއްލުން ވަމުންދާކަމަށް ރިޒްވީ ވިދާޅުވިއެވެ. އެހެންކަމުން މި ގެއްލުން ކުޑަ ކުރެވޭނެ ގޮތްތައް ހޯދަމުންދާކަމަށާއި، މިގޮތުން އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް ރިޒްވީ ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލުމާ ހަމައަށް މޯލްޑިވިއަންއިން ހަފުތާއަކު ހާހެއްހާ ޓޫރިސްޓުން ޗައިނާގެ ހަތަރު ސިޓީއަކުން ރާއްޖެއަށް ގެނެއެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ހުއްޓާލާފައިވާއިރު، މިވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި އަދި ކުދި އެއަރލައިންތަކުންވެސް މިފަދަ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ އެއަރލައިންތަކުގެ ވިޔަފާރިއަށްވެސް ގެއްލުން ލިބެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.