ދިވެހި ވަކީލުންނަށް ތަމްރީން ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން އިންޑިއާއެކު މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބަންޑާރަ ނައިބު ކޭކޭ ވޭނޫ ގޯޕާލްއާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމުން ދެ ޤައުމުގެ ގުޅުމަށް އައި ހެޔޮ ބަދަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ، ރާއްޖޭގެ އަދުލުގެ ނިޒާމު ރީފޯމްކުރުމަށް ކުރާ މަސައްކަތްތަށް އިންޑިއާގެ ބަންޑާރަ ނައިބާއި ހިއްސާކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން އިންޑިއާއިން ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ދިވެހި ވަކީލުންނަށް ތަމްރީން ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.