ޚަބަރު

މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ފޮޓޯ ވީޑިއޯ އަދި މަޢުލޫމާތު އާއްމު ނުކުރުމަށް އިލްތިމާސްކޮށްފި


ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިންގެ ފޮޓޯއާއި ވީޑިއޯ ނުވަތަ އެކުދިންނާއި ގުޅޭ މަޢުލޫމާތު އާއްމުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މިކަމާ ގުޅިގެން ފުލުހުންކުރި ޓްވީޓެއްގައި ބުނެފައިވަނީ މިގޮތަށް ކުދިންގެ ފޮޓޯއާއި ވީޑިއޯ އާއްމުކުރުމަކީ ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުދިން މުޖުތަމަޢުގެ ގިނަ ބަޔަކަށް އެނގި، ކުދިންނަށް ކުރިމަތިވާ ގޯނާ އިތުރުވާނެކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢު އެފަދަ ކުދިންނާއި ދޭތެރޭ ދެކޭ ދެކުން ބަދަލުވެގެން އައުމަކީވެސް މީގެކުރިންވެސް ފެނިފައިވާ މަންޒަރުތަކެވެ. ޚާއްސަކޮށް އެފަދަ ކުދިން ބޮޑުވެގެން އަންނައިރު ދިރިއުޅުމުގެ ކަންކަމަށްވެސް މީގެ ސަބަބުން ގޮންޖެހުންތައް ކުމަތިވެއެވެ.

އެހެންކަމުން މިފަދަ މައްސަލަތުގައި ހިމެނޭ ކުދިންގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި އާއްމު ނުކޮށް، މައްސަލަތައް ކަމާއި ގުޅޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ފުލުހުންވަނީ އެދިފައެވެ. އެގޮތުން ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީގެ ހެލްޕް ލައިން 1412އަށް ގުޅައިގެން އެންގުމަށްވަނީ އިލްތިމާސްކޮށްފަައެވެ.

ފަހަކަށް އައިސް މިފަދަ މައްސަލަތައް ކުރިމަތިވާ ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާއަށްލާ އެފަދަ ފޮޓޯއާއި ވީޑިއޯ އަދި ކުދިންގެ މަޢުލޫމާތު ދަޢުރުވާތަން އަންނަނީ ފެންނަމުންނެވެ. އަދި ބައެއް ނޫސްތަކުގައިވެސް މިފަދަ މަޢުލޫތުތައް ހިމަނައިގެން ޚަބަރު ގެނެސްދޭތީ އެކަން ނުކުރުމަށްވެސް ޖެންޑަރ މިނިސްޓްރީން ގޮވާލާފައިވެއެވެ.

މިދިޔަ އަހަރު އެކަނިވެސް ކުޑަކުދިންނާއި ގުޅުންހުރި 1200 އަށްވުރެ ގިނަ މައްސަލަ ޖެންޑަރއަށް ރިޕޯޓްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކޮށް އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސަރުކާރުންވަނީ ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަސްދީޤްކުރައްވާފައެވެ.