ސްޓެލްކޯގެ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން ހުޅުލޭގައި ހެދުމަށް ހަމަޖެހިފައިވާ ސަބް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ހުޅުލޭގައި ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އެއް ވިއުއުގައަކުން ގުޅާލުމަށްޓަކައި ކުރިއަށްގެންދާ އިންޓަރކަނެކްޝަން ޕްރޮޖެކްޓްގެ ދަށުން 3 ސަބް ސްޓޭޝަން ހެދުމަށްވަނީ ހަމަޖެހިފައެވެ. މި ސަބް ސްޓޭޝަންތަކަކީ މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާއިރު، މިކަމަށް ބޭނުންވާ ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ހަދާ ސަބް ސްޓޭޝަންތަކެކެވެ.
މި މަސައްކަތްތައް ކުރިއަށްދާ ގޮތާގުޅޭގޮތުން ވާހަކަފުޅުދައްކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ހަދާ ސަބްސްޓޭޝަންގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި ދެ ސަބް ސްޓޭޝަންގައިވެސް މިހާރު ކުރިއަށްދަނީ ސްޓީލް ސްޓްރަކްޗަރ ރޭވުމުގެ މަސައްކަތެވެ.
ސްޓެލްކޯއިން އެންމެ ފަހުން މި ފެށި މި ޕްރޮޖެކްޓްގެދަށުން ހުޅުލޭގައި ހަދާ ސަބް ސްޓޭޝަން ހެދުމުގެ މަސައްކަތެވެ. މި ސަބް ސްޓޭޝަންގެ ފައުންޑޭޝަން މަސައްކަތްތައް މިހާރުވަނީ ފަށާފައެވެ.
"ސަބްސްޓޭޝަންތަކުގެ ސްޓލް ސްޓްރަކްޗަރއާއި ފައުންޑޭޝަން ނިމުމުން ޓްރާންސްފޯމަރތައް ބަހައްޓާނީ. ޕްރޮޖެކްޓްގެ ދަށުން މާލެ އަދި ހުޅުމާލޭގައި ބަހައްޓާނީ 95އެމްވީއޭ (މެގަ ވޮޓް އެމްޕް)ގެ ޓްރާންސްފޯމަރ. އަދި ހުޅުލޭގައި ހުންނާނީ 8އެމްވީއޭގެ ޓްރާންސްފޯމަރ." މުޣްނީ ވިދާޅުވިއެވެ.
މުޣްނީ ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏަކަށް ވުމާއިއެކު، ސިއްޙީ ކުއްލި ޙާލަތު އިޢުލާންކުރުމުން ޗައިނާއިން ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ލަސްކަމެއް އަންނަމުންދާކަމަށް މުޣްނީ ވިދާޅުވިއެވެ.
"މިއީ ސަރުކާރުގެވެސް މުހިންމު ޕްރޮޖެކްޓެއް. ނަމަވެސް ކޮރޯނާއާއި ގުޅިގެން ޗައިނާގެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތްތަކަށް ޑިލޭ އެބަ އާދޭ. ނަމަވެސް ރާއްޖޭގައި ކުރެވެންހުރި މަސައްކަތްކަށް ޑިލޭއެއް ނުގެނެސް ކުރަމުން މިދަނީ." މުޣުނީ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓަކީ ގްރޭޓަރ މާލެ ރީޖަނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލު ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރުޢުއާއިއެކު މާލެ ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާނެއެވެ. މި ޕްރޮޖެކްޓްގެ ސަބަބުން މާލޭގެ ކަރަންޓަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާއި ގުޅާލެވޭނެއެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާއި ގުޅާލެވޭނެއެވެ. މި ޕްރޮޖެކްޓަކީ 45މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.