ޚަބަރު

ދެ ޤައުމަކަށް ނޮން-ރެސިޑަންޓް ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް


ދެ ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މިގޮތުން ރާއްޖެއިން މިސްރަށް ކަނޑައަޅާ ނޮން-ރެސިޑަންޓް ސަފީރުކަމަށް ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އަދި ނޭޕާލްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރު އަޙްމަދު ސަލީމްގެ ބަދަލުގައި އިންޑިއާއަށް ރާއްޖޭއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު މުޙައްމަދު ދީދީ ހަމަޖެއްސުމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މައްސަލަ މަޖިލީހަށް ފޮނުވާފައެވެ. އަޙްމަދު ސަލީމަކީ ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރެވެ. މި މައްސަލަވެސް ވަނީ ދިރާސާކުރުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މީގެ އިތުރުން ދެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާ ރައީސް ފޮނުއްވެވި މައްސަލަވެސް މިއަދުގެ ޖަލްސާގައި ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.