ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ގއ.އަތޮޅުގެ ޕްރައިމަރީ ބާޠިލްކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ކުރިއަށްގެންދިޔަ ޕްރައިމަރީގެ ގއ.،އަތޮޅުގެ ޕްރައިމަރީ އެޕާޓިން ބާޠިލްކޮށްފިއެވެ. ގއ.އަތޮޅުގެ ޕްރައިމަރީ އެމްޑީޕީން ބާޠިލްކޮށްފައިވަނީ މާލޭގައި އެއަތޮޅުގެ ރައްޔިތުން ވޯޓްލުމަށް ބެހެއްޓީ ވޯޓްފޮށި ކައިރީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، ކައުންސިލް އިންތިޚާބަށް ކެނޑިޑޭޓުން ހޮވުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގނެދިޔަ ޕްރައިމަރީގައި މައްސަލަ ދިމާވިކަމަށާ، މައިގަނޑު ގޮތެއްގައި ދިމާވެފައިވަނީ އިދާރީ މައްސަލަތައްކަމަށް. އެއީ ޢާންމުކޮށް ކޮންމެ އިންތިޚާބެއްގައިވެސް ދިމާވާ ކަންކަމަށާއި، އޭގެ ތެރޭގައި ކަރުދާސް މަދުވުމާއި، ކިއުގައި ގިނައިރު ތިބެން ޖެހުންފަދަ ކަންކަން ހިމެނޭކަމަށް ޝިފާޒް ވިދާޅުވިއެވެ.

ގއ.އަތޮޅުގެ ރައްޔިތުން ވޯޓް ލުމަށް މާލޭގައި ވޯޓް ފޮށި ބަހައްޓާފައި ހުރީ ކަލާފާން ސްކޫލްގައެވެ. އެސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ގއ.ވޯޓް ފޮށީގައި ދިމާވި މައްސަލައަކީ މަރުކަޒުގެ ޖާގައިގެ ދަތިކަންކަމަށާއި، އެކަމުގެ ނުތަނަވަސް ކަމުގައި ކޮންމެވެސް ވަރެއްގެ ހަމަުޖެހުމެއް ހިނގީކަމަށެވެ. އެހެންކަމުން އެ ޕްރައިމަރީ ބާޠިލްކޮށް ޕްރައިމަރީގެ ވޯޓުލުން ބާއްވާނެ ދުވަހެއް މާދަމާ އިޢުލާންކުރާނެކަމަށެވެ.

"1200 އެއްހާ މެންބަރުން ވޯޓޤލާ ދާއިރާއެއްގައި އަޅުގަނޑު އާއިރު އިތުރަށް ފިޔަވަޅެއް އަޅާލާނެ ޖާގަވެސްނެތް. އެހާގިނަމެންބަރުން ނިކުމެ ތިބި ވޯޓްލާން. އެކަމުގައި ދިމާވި ފްރަސްޓްރޭޝަންތަކުގައި ކުރިއަށް ދެވޭނެގޮތެއް ނެތް. ދެން އަޅުގަނޑުމެންގެ ނިންމުމެއްގެ ގޮތުގައި މި ނިންމީ ގއ.ގެ ވޯޓް އަޅުގަނޑުމެން ފަހުން ލާނިއްޔޭ. އޭގެ މާނައަކީ ގއ.ގެ ހުރިހާ ރަށެއްގަވެސް މާލެގަވެސް."

ޝިފާޒް ވިދާޅުވީ ގއ. ޕްރައިމަރީ ބާޠިލްކޮށް ހުރިހާ ވޯޓް ކަރުދާހެއް މަންދޫބުންނާއި އޮބްޒާވަރުންގެ ކުރިމަތީގައި ނައްތާލަން އެއަތޮޅުގެ ހުރިހާ ރަށަކަށް އެންގިކަމަށް. ހަމަނުޖެހުންތަކުގައި ވޯޓް ފޮށިތައް އަންދާލިކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ޝިފާޒް ވިދާޅުވީ، ހަމަނުޖެހުމުގައި ފޮށިތައް އެންދީނޫންކަމަށާއި، އެއީ ޕާޓިން އެންގި އެންގުމަށް ވޯޓް ކަުރުދާސްތައް ނައްތާލުމަށް ކުރިކަމެއްކަމަށް. ޝިފާޒް ވިދާޅުވީ، ގއ.ގައި އިންތިޚާބު ބާއްވާނެ ދުވަސް މާދަމާ އިޢުލާންކުރާނެކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީން ފެނުނީ ސަރުކާރުން ކައުންސިލްތަކަށް ދީފައިވާ މާލީ އަދި އެހެން ބާރުތަކުގެ ސަބަބުން ކައުންސިލަށް އައުމަށް ގިނަ ބައެއްގެ ޝަޢުޤުވެރިކަން އޮތް މިންވަރުކަމަށްވެސް އެމްޑީޕީގެ ނާއިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުމަށް 169 ވޯޓް ފޮށި ބެހެއްޓިއެވެ. އަދި 909 ކެނޑިޑޭޓުން ވާދަކުރިއެވެ.