ޚަބަރު

ބޮޑު ތިލަދުންމަތީގައި އޮޑިޓް އޮފީހުގެ ގޮތްޕެއް ގާއިމު ކުރަނީ


ބޮޑު ތިލަދުންމަތީގައި އޮޑިޓް އޮފީހުގެ ސަރަޙައްދީ އޮފީހެއް ޤާއިމު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އޮޑިޓަރ ޖެނެރަލް ޙަސަން ޒިއަތު ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިހެން ވިދާޅުވީ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ ތަމްރީންތައް ދިނުމަށް ކުޅުދުއްފުށީގައި ބޭއްވި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ އުތުރު ސަރަހައްދުގައި މިފަދަ އޮފީހެއް ނެތުމުން ދިމާވާ މައްސަލަ ތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ޤާއިމް ކުރާ އޮފީހެއްކަމުގައި ޒިޔަތު ވިދާޅުވިއެވެ.

ޒިއަތު ވިދާޅުވީ، އައްޑޫގައި އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް ޤާއިމްކޮށް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެސަރަޙައްދުގައި މާލީގޮތުންހުރި މައްސަލަތަށް ވަރަށްބޮޑަށް ޙައްލު ކުރެވިފައިވާ ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި މިއަހަރު ތިލަދުންމައްޗަށް ސަރުކާރުގެ ބަޖެޓްގައި ބޮޑެތި މަޝްރޫއުތަކެއް ކަނޑައަޅާފައިާކަން ފާހަގަ ކުރައްވައި ޒިޔަތު ވިދާޅުވީ، އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް މިސަރަޙައްދުގައި ޤާއިމްވެގެން ދިއުމަކީ އޮޑިޓް ކުރުމާއި ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. އެގޮތުން މަޖިލީހުގެ އެހީތެރިކަމާއިއެކު މިއަހަރު ނިމުމުގެ ކުރިން މިގޮފި ގާއިމު ވެގެންދާނެކަމަށް ޒިއަތު ވިދާޅުވިއެވެ.

"އިރާދަކުރެއްވީތި މަޖިލީހުގެ އެހީތެރިކަމާއެކީގަ އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ ބަޖެޓަށް ފައިސާ އިތުރުކޮށްގެންނަމަވެސް މިސަރަހައްދުގައި އަޅުގަނޑުމެންގެ ސަރަހައްދީ އޮފީހެއް ގާއިމް ކުރެވޭނެކަމަށް. އޭރަށް އަދި ތިބޭފުޅުން ބޭނުންވާ ކަންކަމުގަ ފަސޭހައިން އަޅުގަޑުމެނަށް އެޑެންޑް ކުރެވޭނެ." އޮޑިޓަރ ޖެނެރަލް ހަސަން ޒިއަތުވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ މާލީ ބަޔާން ތައްޔާރުކުމުމާބެހޭ ޓްރެއިނިން ޕްރޮގްރާމްގައި ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުން 67 ބޭފުޅުން ބައިވެރިވެފައިވެއެވެ.