ޚަބަރު

ކުދިންގެ ޝަޚުސު ބިނާކުރުމުގައި ސްކޫލް ދައުރު މުހިންމު ރޯލެއް އަދާކުރޭ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


ކުދިންގެ ޝަޚުސު ބިނާކުރުމުގައި ސްކޫލް ދައުރު މުހިންމު ރޯލެއް އަދާކުރާކަމަށް މިނިސްޓަރ އަޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ހަސަން ވިދާޅުވީ ޤައުމީ ބަތަލުން ޤައުމާއި ދީނުގެ ދިފާޢުފައުގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރުމަށް ބާއްވާ ކަންކަމުގައި ސްކޫލް ކުދިން ގިނަގިނައިން ބައިވެރިކުރުމަކީ މުހިންމުކަމެއްކަމަށެވެ.

ސްކޫލް ދަޢުރަކީ ކުދިން ބޮޑުވެ މުޖުތަމައަށް ނިކުންނައިރު ކުދިންގެ ޝަޚުސު ބިނާކުރުމަށް މުހިންމު ދަޢުރެއް އަދާކުރާ ދުވަސްވަރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުރަވީ ދުވަހުގެ ހާދިސާއިން އިބުރަތް ޙާސިލްކޮށް، ކޮންމެ ކުއްޖަކީވެސް މި ބަތަލުންގެ ސިފަތައް ލިބިގެންވާ މަސައްކަތް ކުރާ ކުއްޖަކަށް ވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްކޫލް ދަޢުރަކީ ދަރިވަރުންނަށް އެތައް ގޮތަކުން ހިތްވަރާއި، އަޒުމާއި، ކެރުމާއި، އަމާނާތްތެރިކަމާއި އަދި މަޝްވަރާކުރުމުގެ ރީތި ސިފަތައް ދަސްވާ ދުވަސްވަރެއްކަމަށް ވިދާޅުވިއެވެ.

"ޝަޚުސެއް ބިނާކުުރުމުގައި ސްކޫލް އިސް ރޯލެއް އަދަކުރޭ. ގިނަ ފުރުސަތުތަކެއް އެބަލިބޭ ހަރުދަނާ މީހަކަށް ވުމަށް. އަޙްލާގު، ކެރޭ، މުރާލި، ހީވާގި މީހަކަށް ވުމަށް ފަރިތަވޭ." މިނިސްޓަރ ވިދާޅުވިއެވެ..

މި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރސް މުޙައްމަދު މާހިރު އީސާ ވިދާޅުވީ ޤައުމަށް ދިމާވާ ބޮޑެތި ކަންކަމަކީ ސަރުކާރުން އެކަނި ޙައްލު ހޯދޭނެ ކަންކަން ނޫންކަމަށާއި، އެކަންކަމުގައި ރައްޔިތުންނާއި ސަރުކާރު އެއްބައިވާން ޖެހޭކަމަށެވެ. މިއީ ކާބަފައިންވެސް ދެއްކި ނަމޫނާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމީ ދުވަސް، ހުރަވީ ދުވަސް، ޝަހީދުންގެ ދުވަސް ނޫނީ ބޮޑުތަކުރުފާނާ ދޮންބަންޑާރައިންނާއި އަލި ރަސްގެފާނުގެ ވާހަކައަކީ ހަމައެކަނި ފޫހިވިލުވަން ކިޔާ ވާހަކައަކަށްވެގެން ނުވާނެ. މިއިން ކޮންމެ ޙާދިސާއަކުން ދައްކުވައިދެނީ ފަރުދީ ޒިންމާގެ ރީތި ނަމޫނާ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގާއިވަނީ ހުރަވީ ދުވަހާއި ގުޅޭ ވާހަކަތައް ދަރިވަރުންނާއި ޙިއްސާކޮށްފައެވެ. އަދި މި ދުވަހާއި ގުޅޭ ތަމްސީލްތައްވެސް ވަނީ ހުށައަޅާފައެވެ.

ހުރަވީ ދުވަސް ނިސްބަތްކުރެވިފައި ވަނީ މަލާބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވައި ދިވެހިންނަށް މިނިވަންކަން ހޯއްދަވައި ދެއްވި އައްސުލްޠާނުލް ޣާޒީ ހަސަން އިއްޒުއްދީނަށެވެ.