ސެޕްޓެމްބަރު މަހު، ހެންވޭރުގައި ހިނގި ބޮޑު ޢަލިފާނުގެ ޙާދިސާއަށްފަހު މުޅި އެސަރަޙައްދަށް ބޮޑު ފަޅުކަމެއް އައިސްފައިވެއެވެ. އަލިފާނުގެ ގެއްލުމުގެ ސަބަބުން 7 ގެއަކާއި 4 ގުދަނުގައި ރޯވެ ލިބުނު ގެއްލުމުގެ ސަބަބުން މި ޢިމާރާތްތައް ވަނީ ދިރިނޫޅެވޭވަރަށް ހަލާކުވެފައެވެ. މިހާރު މިސަރަޙައްދުގެ ބޮޑު ބައެއްވަނީ ހުސް ބިންތަކަށް ވެފައެވެ. ސަރަޙައްދުގައި ވެއްޓިދާނެކަމުގެ ބިރު ހީވެފައިވާ ޢިމާރާތްތައް ނަގައި އެސަރަޙައްދު ސާފުކުރުމަށް ހަފްތާއަކަށްވުރެ ގިނަ ދުވަސްވަންދެން މުޅި ސަރަޙައްދު އޮތީ ބަންދުކޮށްފައެވެ.
މަގުތައް އަލުން ދުއްވޭގޮތަށް ހުޅުވާލިނަމަވެސް، ހާދިސާގެ ގެއްލުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅެމުންއައި ގިނަ ޢާއިލާތަކެއް އެހެން ތަންތަނަށް ބަދަލުވުމާ ގުޅިގެން ސަރަޙައްދުގެ ބައެއް ޢިމާރާތްތައް މިހާރުވެސް ބޭނުން ނުކޮށް އެބަހުއްޓެވެ.
ދައްކަން މިއުޅެނީ އަލިފާނުގެ ހާދިސާގެ ގެއްލުމުގެ ވާހަކައެއް ނޫނެވެ. އަލިފާނުގެ ޙާދިސާއަށް 4 މަސް ވެފައިވާއިރު އެ ސަރަަޙައްދުން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޙާދިސާގެ ސަބަބުން މަރާތުކޮށް ނުނިމިހުރި ޢިމާރާތަކަށް ބަލާލުމުން ފެންނަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ޒިންމާދާރުކަން ކުޑަ ޢަމަލުތަކެކެވެ.
މާލޭގެ މަގުތަކަށް، އެއްކަލަ ގޮތްނޭނގޭ މީހުން އަޅަމުން އަންނަ ކުނި ކޮތަޅުތަކުގެ މިފަހަރުގެ މަންޒިލަކަށް މިސަރަހައްދު ބަދަލުވެއްޖެއެވެ. އަލިފާނުގެ ޙާދިސާގެ ގެއްލުމުގެ ސަބަބުން މިހާރު މީހުން ދިރިނޫޅޭ ގެތަކާއި، އަދި ގެތައް ތަޅާލާ ހުސްކޮށްފައި ހުރި ބިންތަކުންވެސް ފެންނަނީ ހަމަ މިމަންޒަރެވެ. މިސަރަޙައްދުތައްވަނީ ކުޑަ ކުނިގޮނޑަކަށް ބަދަލުވެފައެވެ. ގޭގެއިން އުކާލާ ބަދިގެ ކުންޏާއި، ފަރުނީޗަރާ އިލެކްޓްރޯނިކް ސާމާނާއި، ބޯލާފަ އެއްލާލާ ދަޅާއި ފުޅިވެސް އެތައްބައިވަރެކެވެ.
މީހަކު އެއްވެސް ޖެހިލުމެއްނެތި މިސަރަޙައްދައް ކުނި ކޮތަޅެއް އެއްލާލާފައިދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިވީޑިއޯ ޙިއްސާކޮށްފައިވާ މީހާ ބުނެފައިވަނީ އެއީ އެސަރަޙައްދުގެ ބޭސްފިހާރައަކުން، އެތާނގައި މަސައްކަތްކުރާ މީހާ ކޮންމެ ދުވަހަކުވެސް ކުނި ކޮތަޅު އެއްލާލާ ތަންކަމަށެވެ.
މިހާބޮޑު ކުނި ގޮނޑަކަށް އެތަންވީ މިހެން ކިތައްދުވަހު ކިތައްމީހުން ކުނިކޮތަޅު އެއްލާލައިގެންބާއޭ ހިތަށް އަރައެވެ. ހަމަގައިމުވެސް މިކަންފެށި ބަޔަކުވެސް ތިބޭނެއެވެ. ކޮންމެއަކަސް މިމަންޒަރު ފެންނަނީ ބަލާލަން އުނދަގޫ މަންޒަރެއްގެ ގޮތުގައެވެ. މިއީ ހަމައެކަނި ބަލާލަން ލޮލަށް އުނދަގޫ މަންޒަރެއް އެކަންޏެއް ނޫނެވެ. ގިނަ ބަޔަކު ދިރިއުޅެމުންދާ ތަނެއްގައި މިގޮތަށް ކުނިއަޅާފައި ބެހެއްޓުމަކީ ސިއްޙީގޮތުން ބެލިނަމަވެސް ބަލިތައް ފެތުރެން ދިމާވާ ސަބަބެކެވެ. އަދި ނުބައިވަސް ދުވުމަކީވެސް ޢާއްމުންނަށް ދިމާވާ އުނދަގުލެކެވެ.
ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މީގެކުރިންވެސް ވަނީ އެސަރަޙައްދު ސާފުކޮށްފައެވެ. އަނެއްކާވެސް ހަމަ މިފެންނަނީ އެމަންޒަރެވެ. ކޮންމެދުވަހަކު ގޭގެއިން ކުނިއުކާލާ ޚިދުމަތް ދެމުންއަންނަ ވެމްކޯއިން ބުނާގޮތުގައި މިހާރުވެސް މާލޭގައި ރަޖިސްޓްރީ ނުކޮށް މިގޮތަށް ކުނިއުކާ ގިނަ ގެތައް އެބަހުއްޓެވެ. މިގޮތަށް ޢާއްމު ތަންތަނަށް ކުނިއަޅާ މީހުންގެ މަޢުލޫމާތު އީޕީއޭއިން އާއްމުކުރި ދުވަސްވަރެއްވެސް ދިޔައެވެ.