މެދު ރާއްޖޭތެރޭގެ ބައެއް ރަށްތަކަށް ރޭ ވަރަށް ބޮޑަށް އުދަ އަރައިފިއެވެ. ރޭ އުދައިގެ އަސަރު އެންމެ ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ރ އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
ރ އަތޮޅު ކިނޮޅަސް ކައުންސިލުން ވިދާޅުވީ އެރަށު ބަނދަރު ސަރަހަށްދަށް އާދަޔާ ހިލާފަށް ރޭ ދަންވަރު އުދައަރާފައިވާކަމަށެވެ. އަދި ރަށުގެ ފަޅު ތެރެ ވަރަށް ގަދަވެ އުޅަނދު ފަހުރު ވަދެނިކުމެ އުޅުން ރައްކާތެރި ނޫންކަމަށްވެސް ކިނޮޅަސް ކައުންސިލުން ވިދާޅުވެއެވެ.
ރ އިނގުރައިދޫއަށްވެސް ރޭ ވަރަށް ބޮޑަށް އުދަ އަރާފައެވެ.
މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ވިލާ ގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.
ރޭވެސް ވަނީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. އިއްޔެ އިރު އޮއްސުނު އިރު ހިނގި މިހާދިސާގައި ހަތް މީހުންނާއި އެކު ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި އެ ލޯންޗުން ދަތުރުކުރި އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މަރުވެފައެވެ.
ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް ކުރާ އަދަދު އިތުރުވެފައިވާކަމަށް އެމްއެންޑީފުންވެސް ވަނީ ރޭ ވިދާޅުވެފައެވެ. މިގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓް ލިބެމުންދާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުފައެވެ.
ވައިގަދަވެ ކަނޑުގަދަވުމާއި ގުޅިގެން ކަނޑުމަތީގެ ޙާދިސާ ހިންގުން އިތުރުވަމުންދާތީ ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އެމްއެންޑީއެފުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން އިތުރަށް ބަރުނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައިވެއެވެ.
ވަކިން ޚާއްޞަކޮށް ކުދި އަނގަމަތި އޮޑިފަހަރާއި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރައްވާއިރު ޙާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައި ވެއެވެ.