ޤަވާއިދާ ޚިލާފަށް ބައެއް ޗެނަލްތައް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިނިސްޓަރ އޮފް ހޯމް އެފެއާރސް އިމްރާން ޢަބްދުﷲ އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރަށްރަށުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރަށްތަކުގައި މި ޚިދުމަތް ދިނުމަށް ލައިސަންސެއް އޮތްނަމަވެސް، އެއާ ޚިލާފަށް ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓްކުރަމުންދާކަން، ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަނުން ފާހަގަކުރިއެވެ. އަދި މިފަދަ މައްސަލަތައް ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، މައްސަލައާ ގުޅޭ މަޢުލޫމާތު ހޯދުމަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދިނުމާއި، މިފަދަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން މައްސަލަ ދިގުލައިގެން ދިއުމާއި، އަދި ކައުންސިލްތަކުގެ މަސްލަޙަތު ހިމެނޭ ފަރާތްތަކުން ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުން ކަންވެސް މިބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި ގުޅިގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ހޯމް މިނިސްޓަރގެ އަރިހުން ކޮމިޝަނުގެ މެމްބަރުން އެދިވަޑައިގެންފައިވެއެވެ. އަދި މި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކޮށްދެއްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރާއިއެކު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސް އާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހުވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޤަވާއިދާ ޚިލާފަށް ބައެއް ޗެނަލްތައް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރާ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ބްރޯޑްކޮމްއިން ހޯމް މިނިސްޓަރާއެކު މަޝްވަރާކުރައްވާފައިވާއިރު، ލައިސަންސް ނެތި އަދި ރައިޓްސް ނެތި ބައެއް ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީއާއެކުވެސް އެ ކޮމިޝަނުން ވަނީ މަޝްވަރާކުރައްވާފައެވެ.