ޚަބަރު

ޖިންސީ ގޯނާކުރި މުނިކާފަގެ މައްސަލައެއް މިހާރުވެސް ކޯޓުގައި އެބައޮތް - ފުލުހުން


ދެއަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހިމެނޭ، އެ ކުއްޖާގެ މުނިކާފަގެ ޖިންސީ ގޯނާގެ މައްސަލައެއް ކޯޓު މަރުޙަލާގައި މިހާރުވެސް އެބައޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ ހާދިސާ އާއި ގުޅިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، 82 އަހަރުގެ މީހާ ޖިންސީގޯނާކުރި އެ މައްސަލަ ފުލުހުންނަށް ހުށައެޅީ 2018ވަނަ އަހަރުކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މައްސަލަ ތަޙްޤީގުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މައްސަލަ ޕްރޮސެކިޓަރ ނެޖެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮސިލް އަބްދުލް މަންނާން ޔޫސުފް ވިދާޅުވިއެވެ. މި މީހާގެ މައްސަލަ ބަލާފައިވަނީ މީހާ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމެއް ނެތިއެވެ. މިގޮތަށް ކަންތައްކޮށްފައިވަނީ މީހާގެ އުމުރަށް ބަލައިގެންކަމަށް ފުލުހުންވަނީ ބުނެފައެވެ.

"މި މިހާގެ މައްޗައް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވީ 2018ވަނަ އަހަރުގެ މޭމަހުގައި. 2019ވަނަ އަހަރުގެ ޖޫންގައި މައްސަލައިގެ 1 އަޑުއެހުންވެސް ބާއްވާފައިވޭ. އަޅުގަނޑުމެންގެ މަސައްކަތަކީ ޝަރިއަތަށް ބޭނުންވާ މިންވަރަށް ހެކި ހޯދުން. މުނިކާފަ އާއި ގުޅިގެން ދައުރުވާ ވީޑިއޯވެސް ދަނީ އިތުރަށް ރިވިއުކުރަމުން." މަންނާން ވިދާޅުވިއެވެ.

82 އަހަރުގެ މީހާއަށް އެފަދަ ގިނަ ތުޙުމަތުތަކެއް މީގެކުރިންވެސް ކޮށްފައިވެއެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދަޢުރުވާ ވީޑިއޯގައި އިވެނީ ފިރިހެން މީހާގެ އަޑުކަމަށްވުމުން، މިއީ މި ފިރިހެން މީހާގެ އަޑުކަން ކަށަވަރު ކުރުމަށް ފުލުހުންދަނީ މަސައްކަތް ކުރަމުންނެވެ.

މުނިކާފަ ދަރުފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 82އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ މެންދުރުއެވެ. މި މީހާ ބަންދުކޮށްފައިވަނީ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ތުޙުމަތުގައެވެ. އަދި އިތުރު ތަޙްޤީގަށް މިމީހާ މިހާރުވަނީ މާލެ ގެނެސްފައެވެ.