ޚަބަރު

ޔޫރަޕްގެ ޤައުމުތަކަށް ވިސާއާއި ނުލާ ދިވެހިންނަށް ދަތުރުކުރުމުގެ ހުއްދަ ދިނުމާމެދު ހަންގޭރީއިން ތާޢީދުކޮށްފި


ދިވެހިންނަށް ވިސާ އާއި ނުލައި ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ހުއްދަ ދިނުމާއި މެދު ހަންގޭރީން ތާޢީދުކޮށްފިއެވެ.

ހަންގޭރީގެ ފަރާތުން އެކަމަށް ތާޢިދުކުރާކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދިޔަ ރައިސީނާ ޑައިލޮގް 2020 ގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑް ޕީޓާ ސިޔާޓޯ އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ހަންގޭރީގެ ފޮރިން މިނިސްޓަރ ވަނީ ދިވެހިރާއްޖެ އާއި ދެކޮޅަށް ޔޫރިޕަން ޔޫނިއަން، އީޔޫއިން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިިޔަވަޅުތައް އުވާލުމަށް ނިންމި ނިންމުމާއި މެދު އެޤައުމުން ހިތްހަމަޖެހޭކަން ހާމަކުރައްވާފައެވެ. އަދި ޔޫރަޕްގެ ޤައުމުތަކަށް ވިސާ އާއި ނުލާ ދިވެހިންނަށް ދަތުރުކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަނުން ދިނުމާމެދު ހަންގޭރީން ތާޢިދުކުރާކަމަށްވެސް އެ ޤައުމުގެ ފޮރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މޫސުމީ ބަދަލުތަކާއެކު ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ހުރި ނުރައްކާތައް ފާހަގަ ކުރައްވައި، ހަކަތައިގެ ދާއިރާ އާއި ތިމާވެށީ ހިމާޔަތްކުރުމުގައި ހަންގޭރީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް މި ބައްދަލުކުރެއްވުމުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ހިއްސާކުރައްވާފައެވެ. އަދި ހަންގޭރީގެ ވިޔަފާރިތައް ކުރިއަރުވާ ޕްރޮމޯޓްކުރުމުގެ ގޮތުން، ވޯޓަރ މެނޭޖްމަންޓާއި، ފުޑް ސޭފްޓީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން އެޤައުމުގެ އެގްޒިމް ބޭންކުން 30 މިލިއަން ޔޫރޯގެ ކްރެޑިޓް ލައިނެއް ހުޅުވާލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަންގޭރީގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ދިވެހިރާއްޖޭގެ 15 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަންވެސް މި ބައްދަލުވުމުގެ ތެރެއިން ހަންގޭރީގެ ފޮރިން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއިން ހަންގޭރީއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 24 މޭ 1975 ގައެވެ. މިއަހަރު މި ގުޅުމަށް 45 އަހަރު ފުރޭނެއެވެ.