ޅެންވެރިކަމުގެ ދާއިރާއިން 1000 މީހުން ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެވެ. 31ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އަޝްރަފް އަލީ ވިދާޅުވީ މި މައްސައްކަތަކީ ދިވެހިންގެ ތެރެއިން ޅެންވެރިކަން ފުހެވިގެންދިޔަ ނުދީ ހުނަރު އާލާކުރުމަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ.
31ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީއިންވަނީ ޅެންވެރިންނަށް ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ. ޅެންވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރިކަމާއި އަދަބިއްޔާތައް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އިބްރާޙީމް ޝިޙާބްގެ ހަނދާނުގައެވެ.
މިފަހަރުގެ ޅެންވެރިންގެ ދުވަހުގެ ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާޙިމްއެވެ. އަދި މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނަ މަޢުމޫންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ހަފްލާގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ކޮންމެ މީހަކީވެސް ޅެންވެރިކަމުގެ ކޮންމެވެސް ހުނަރެއް ލިބިފައިވާ މީހެއްކަމަށެވެ. އަދި މިފަދަ ހުނަރުތައް ތަރައްޤީކޮށް، މި ދާއިރާ ދިރުވައި އާލާކުރުމަށް އެކެޑަމީއިންވެސް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިހާރުވެސް ޅެންވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްތައް ފަށައި، ކުރިއަށްގެންދަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.
"ކޮންމެ މީހަކަށްވެސް ޅެންވެރިއަކަށް ވުމުގެ ފުރުސަތުވަނީ ހުޅުވާލާފައި. މި ދާއިރާއިން އަސާސީ ތަޢުލީމު އުންގަންނައި ދިނުމުގެ ޕްރޮގްރާމެއްވަނީ ފަށާފައެވެ. މި މަސް ނިމުމުގެ ކުރިން 1000 ފަރާތަށް ޅެންވެރިކަމުގެ އަސާސީ ތަޢުލީމު ދޭނަން." އަޝްރަފް ވިދާޅުވިއެވެ.
ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޅެންވެރިކަމުގެ އެކި ބާވަތުގެ ހުށައެޅުންތައް ދައްކާލާފައިވެއެވެ. މީގެތެރޭގައި މި ދާއިރާގައި ގިނަދުވަހު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި، ދާއިރާއަށް އަލަށް ވަންނަމުންދާ މީހުން ހަރަކާތްތައް ހިމެނެއެވެ.
ޅެންވެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ އެކި ޅެންވެރިންނަށް ޚާއްސަކޮށްގެންނެވެ. މިއަހަރު މިދުވަސް ފާހަގަކޮށްފައިވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދް ހުސައިންއަށް ޚާއްސަކޮށްގެންނެވެ.
ޅެންވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި ސްކޫލް ދަރިވަރުންވެސްވަނީ ބައިވެރިވެފައެވެ.