ޚަބަރު

ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކު ފެނިއްޖެ


ހިމަބިއްސަށް ޝައްކުކުރެވޭ އިތުރު ކުއްޖަކުފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ހިމަބިއްސަށް ޝައްކުކުރެވޭ އިތުރު މީހަކު ފެނިގެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ހިމަބިއްސަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ 3 އަހަރުގެ ކުއްޖެއް މާލެއިން ފެނިފައިވާކަމަށާއި މި ކުއްޖާއަކީ ވެކްސިން ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިންވަނީ އާއްމުން ސަމާލްވުމަށް އަންގާފައެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވި ކުއްޖާގެ ގައިގައި ވައިރަސް އުފެދުނުފަހުން ކުއްޖާ ދިޔަކަމަށް ލަފާކުރެވޭ ތަންތަނާއި ގަޑިތައްވަނީ ހާމަކޮށްފައެވެ. އަދި ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހިނަގައިފިނަމަ، ލަސް ނުކޮށް ޞިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރެވޭނެ އިންތިޒާމް ރޯޝަނީ ބިލްޑިންގ 4 ވަނަ ފަންގިފިލާގައި ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހި ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާ އެކަމުގެ ލިޔުން ރާއްޖެއަށް ލިބިފައިވަނީ 2017ވަނަ އަހަރުއެވެ.

މިއީ މިގޮތަށް ނައްތާލާފައިވާ ބައްޔެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެވެ.