ވިޔަފާރި

ފަތުރުވެރިކަން ކުރިއެރުވުމަށް އަބަދުވެސް އެހީތެރިކަން ލިބޭނެ - އޭޓީޕީ


ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް ޕްރޮފެޝަނަލްސް، އޭޓީޕީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އޭޓީޕީން މިކަން ހާމަކޮށްފައިވަނީ ރާއްޖެއަށް މިއަހަރު 1.67 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއަށް މަރުޚަބާ ކިޔާ، ނެރުނު ބަޔާނުގައެވެ. މިބަޔާނުގައި އޭޓީޕީން ބުނެފައިވަނީ 2019 ވަނަ އަހަރު އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އެގޮތުން ވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ގިނަ ފެއަރތަކާއި ރޯޑްޝޯތަކާއި މީޑިއާ ފޭމް ޓްރިޕްތަކާއި ކެމްޕެއިންތަކެއް ކުރިއަށްގެންދިޔަކަން އޭޓީޕީން ފާހަގަކުރެއެވެ. އެހެންކަމުން އެމަސައްކަތަށްޓަކައި ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުއާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދުއަށް އޭޓީޕީގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭޓީޕީގެ ބަޔާނުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޙާސިލްކުރެވުނު ކާމިޔާބީއާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސިނާއަތުގެ ހުރިހާ ފަރާތްތަކަށް އޭޓީޕީން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.