ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ޖޫންމަހު ބޭއްވުމަށް ނިންމައިފިއެވެ.
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން ވެސްޓަން ފެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން، އިފޮޕްކާގެ އަހަރީ ބައްދަލުވުން ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު މި ބައްދަލުވުމަށް ތައްޔާރުވުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން މިހާރު ދަނީ ކުރަމުންނެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ އިފޮޕްކާގެ މި ބައްދަލުވުމަކީ ޞަރަޙައްދީ ފެންވަރެއްގައި ބާއްވާ ޢިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ބައްދަލުވުން މިއަހަރު ރާއްޖޭގައި ކުރިއަށްދާނީ ޖޫން މަހުގެ 29 އިން 3 ޖުލައިގެ ނިޔަލަށެވެ. ރާއްޖެއިން މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން – ބިލްޑް އަ ބެޓަރ ވޯލްޑް" މިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މަސީގެ އެގްޒެކެޓިވް ބޯޑު މެންބަރ އައިމިނަތު ސޫޒަން ވީދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އިންޓަނޭޝަނަލް އިންވެސްޓަރސް ކޮންފަރެންސްއެއް ބޭއްވިގެންދާނެކަމަށެވެ. މި ކޮންފަރެންސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށާއި އެހެންކަމުން ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް މި ކޮންފަރެންސް މުހިންމު ދައުރެއް އަދާކުރާނެކަން ސޫޒަން ފާހަގަކުރެއްވިއެވެ.
"އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އިންޓަނޭޝަނަލް އިންވެސްޓާރސް ކޮންފަރެންސްއެއް މިބާއްވަނީ. މި ކޮންފަރެންސްއަށް އެކި ޤައުމުތަކުން ކީ އިންވެސްޓާރސް ވަޑައިގަންނަވާނެ. ރާއްޖެއިން އަޅުގަނޑުމެން އެކިކަލަހަ އިންވެސްޓްމަންޓް އޮޕަޗުނިޓީސް ޕްރެޒެންޓް ކުރާނަން. މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް." ސޫޒަން ވިދާޅުވިއެވެ.
މިއަހަރުގެ އިފޮޕްކާ ބައްދަލުވުމުގައި 20 ޤައުމަކުން 1200 މަންދޫބުން ބައިވެރިވާނެކަމަށް މަސީން މައުލޫމާތުދެއެވެ. މިއަހަރުގެ ކޮންވެންޝަން އޮންނާނީ ކްރޮސްރޯޑްގައެވެ. މި ބައްދަލުވުން މިއަހަރު ރާއްޖޭގައި ބާއްވާއިރު މީގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މަސީން ވިދާޅުވެއެވެ.
މިއީ އިފޮޕްކާގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށްވާއިރު މިދިޔަ އަހަރު އިފޮޕްކާ ބައްދަލުވުން ބާއްވާފައިވަނީ މެލޭޝިޔާގައެވެ. އެބައްދަލުވުމުގައި އިފޮޕްކާގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާޙު ވަނީ އިންތިހާބުކޮށްފައެވެ. ކޮންމެ އަހަރަކު ބާއްވާ އިފޮޕްކާގެ ބައްދަލުވުމުގެ ތެރެއިން ޞަރަޙައްދީ ފެންވަރެއްގައި ޢިމާރާތްކުރުމުގެ ދާއިރާ ހަރުދަނާކޮށް، އެއް ކުންފުނި އަނެއް ކުންފުންޏާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމާބެހޭ ގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.