ޚަބަރު

ރަށްރަށަށް އައު އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ފަށައިފި


ރަށްރަށުންދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ސަރުކާރުން ހޯދާފައިވާ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށަކުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިިނުމަކީ ސަރުކާރުގެ ޢަމާޒެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 21 އެމްބިއުލާންސްއާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހޯދާފައިވާ 5 އެމްބިއުލާންސްއާއިއެކު ޖުމްލަ 26 ރަށްކަމަށް އެމްބިއުލާންސް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން މިހާރު އަންނަނީ އެމްބިއުލާންސް ފޮނުވާނެ ރަށްރަށް ކަނޑައަޅުއްވައި، 26 ރަށަށް އެމްބިއުލާންސް ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިރަށްރަށުގެ ތެރޭގައި އެމްބިއުލާންސްގެ ޚިދުމަތް ކުރިން އެއްގޮތަކަށްވެސް ލިބިފައިނުވާ ރަށްރަަށްވެސް ހިމެނެއެވެ. މީގެތެރޭގައި ބ.ފޮޅަދޫ، ފެހެންދޫ، ކިހާދޫ ހިމެނެއެވެ.

މި އެމްބިއުލާންސްތަކަކީ ކާރިޘާތަކުގެ ވަގުތުތަކާއި އެމަރޖެންސީ އަދި އެކްސިޑެންޓްތަކުގެ ޙާލަތުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ކުއްލި، އަވަސް ސިިއްޙީ ފަރުވާ ރަށްރަށުން އަވަހަށް ލިބޭނެ ގޮތް ހެދުމަށް ފޮނުވާ އެމްބިއުލާންސްތަކެކެވެ.

އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވާލުމަށްފަހު، މިމަސައްކަތް ހުއްޓާނުލާނެކަމަށާ، އެދެވޭގޮތުގައި ޚިދުމަތް ފޯރުކޮށްދެވޭކަން ޔަޤީންކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މީގެކުރިން ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.

އެމްބިއުލާންސް ނެތް ރަށްރަށުގައި ބަލިމީހުން ފަރުވާހޯދުމަށް ސިއްޙީ މަރުކަޒުތަކަށް ގެންދިއުމަށް މިހާތަނަށް ޢާއްމުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަށް އެދެވޭ ހެޔޮބަދަލެއް ގެނައުމަށް ސަރުކާރުންވަނީ މަސައްކަތް ފަށާފައެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ސިއްޙީ ޚިދުމަތް ދޯދަން މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މުޅިރާއްޖެއަށް ބަހާލައިގެން ޚިދުމަތްތައް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަން ފާހަގަކުރެވެއެވެ.

ސަރުކާރުގެ ޢަމާޒަކީ މި 5 އަހަރުގެ ދަޢުރު ނިމޭއިރު ރާއްޖޭގެ 5 ސަަރަޙައްދުގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމެވެ.