ޚަބަރު

ނަސްރުﷲ ހޯދުމަށް ޑައިވިން ރޮބަޓާއި، ހެލިކޮޕްޓަރުގެ ބޭނުންކުރަން ފަށައިފި


ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ކަނޑަށް ގެއްލުނު ބ.އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ ޢަބްދުﷲ ހޯދުމަށް ޑައިވިން ރޮބަޓާއި، ހެލިކޮޕްޓަރުގެ ބޭނުންކުރަމުންދާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބ.ދޮންފަނާއި އެއަތޮޅު ހަނިފަރާދެމެދުން ލޯންޗަކާއި ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓްގައި ކަނޑަށް ގެއްލުނު ބ.އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ ޢަބުދުﷲ (41އ) ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކޯސްޓްގާޑުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވެއެވެ. ސިފައިންދަނީ ނަސްރުﷲ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ސިފައިގެ އަތުގައިހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުންނެވެެ. ކޯސްޓްގާޑްގެ ނޮދަން އޭރިއާއިން ދަނީ ނަސްރުﷲ ހޯދުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ނަސްރުﷲ ހޯދުމަށް މިއަދު ހެދުނުން ފެށިގެން ޑައިވިން ރޮބަޓާއި، ހެލިކޮޕްޓަރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކޯސްޓްގާޑްގެ އެންމެ ބޮޑުއުޅަދު ޝަހީދު އަލީވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން އަޑިޔަށްދިޔަ ޑިންގީވެސް އަދި ފެނިފައިނުވާކަމަށެވެ. މިއެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ އިރުއޮއްސި 19:07 ހާއިރުގައި ކަަމަށް ފުލުހުން ވިދާޅުވެއެވެ.

ޙާދިސާއާ ގުޅޭގޮތުން ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ސަލާމަތްވި ދެމީހުންނާ ޙަވާލާދީ، ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ މާޖިދު ވިދާޅުވީ، ޑިންގީގައި ލޯންޗު އައިސްޖެހުނީ ފަހަތުން ކަމަށެވެ. އަދި ޑިންގީގައި އެމީހުން ނުކުމެ އުޅުނީ މަސްވެރިކަން ކުރަން ކަމަށާ، އެކްސިޑެންޓު ހިނގީ ރަށަށް އެނބުރި އަންނަނިކޮށް ކަމަށެވެ.

މިހާދިސާގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ސަލާމަތްވި ދެމީހުންނަށް ދަރަވަންދޫ ސިއްޙީމަރުކަޒުގައި ވަނީ ފަރުވާދީފައެވެ. އެކްސިޑެންޓްވި އޭދަފުށީ ފެރީ ލޯންޗަކީ، ބ.ކަމަދޫއިން ފުރައިގެން ދަރަވަންދޫއަށް ދަތުރުކުރި ލޯންޗެކެވެ.