ޚަބަރު

ރައީސް މައުމޫންގެ ޙާލުކޮޅު ވަރަށް ރަނގަޅު - ޔުމްނާ


ރައީސް މައުމޫންގެ ހާލުކޮޅު މިހާރު ރަނގަޅުކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރޯގާގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަން ދިގުލާތީ ޓެސްޓްތަކެއް ހެދުމަށް ޑިސެމްބަރުމަހުގެ 30ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި އިއްޔެ އެމަނިކުފާނުގެ ހާލުކޮޅު އެހެން ދުވަސްތަކަށްވުރެ މާބޮޑަށްވެސް ރަނގަޅުކަމަށް ޔުމްނާ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

"ރައީސްމައުމޫންގެ ހާލުކޮޅު މިއަދު އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު. އަލްހަމްދުލިއްލާހި. ރައީސްމައުމޫނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންގެ ޓީމަށް ޝުކުރު ދަންނަވަން." ޔުމްނާގެ ކުރެއްވި ޓްވީޓްގައި ވިދާޅުވެއަފައިވޭ.

1978 ވަނަ އަހަރުން ފެށިގެން 30 އަހަރުވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ރައީސް މައުމޫނަކީ އެތައްބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ޝަޚްސިއްޔަތެކެވެެ.

އުމުރުފުޅުން 82 އަހަރުގެ ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނައުމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސްގެ މަޤާމު ފުރުއްވަމުންނެވެ.