ޚަބަރު

އަންނަ ދައުރުގައި އަނެހުންނަށް ޚާއްސަ ވާނީ މިފަހަރު އަންހެނުން ނުހޮވޭ ދާއިރާތައް - ޢަލީ ނިޔާޒް


ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަކޮށް ކަނޑައެޅި ގޮޑިތަކަކީ، އެކި އިންތިޚާބުތަކުގައި އެކި ދާއިރާތަކަށް ދައުރުވާގޮތަށްދޭ ފުރުސަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ދެން އަންނަ އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ފުރުސަތުދޭނީ މިފަހަރު ފުރުސަތު ނުލިބުނު ދާއިރާތަކުގެ ގޮނޑިތަކަށްކަމަށެވެ.

އަންހުންނަށް ދޭން ކަނޑައެޅި ތެއްތިރީސް އިންސައްތަ ގޮނޑިއާއިއެކު ފިރިހެނުންނަށް ލިބެމުންއައި ފުރުސަތުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ނިޔާޒް ވިދާޅުވިއެެވެ. އަދި މިއަދާ ހަމައަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ފިރިހެނުންނަށް ލިބެމުން އައި ފުރުސަތު އެމީހުންނަށް ދެންވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން 3 މެންބަރުން ތިބި ކައުންސިލަކަށް އިތުރު 2 ސްލޮޓް މި އިތުރުކުރީ. މިބުނާ 33% ފުރުސަތަކީ، އަންހެނުންނަށް ޚާއްސަކޮށް ކުރިން ތިބި އަދަދަށް އިތުރުކުރި 2 ގޮނޑި. ފިރިހެންނުންނަށް ހަމަ ކުރިން އޮތް ގޮތަށް އެބަ ފުރުސަތު ލިބޭ. އިތުރުވި ސީޓަކީ އަންހެނުންނަށް ޚާއްސަކުރި ސީޓް." ޢަލީ ނިޔާޒު ވިދާޅުވިއެވެ.

ކައުންސިލަރުންގެ ޢަދަދު އިތުރު ކުރުމާއެކު ކުރަންޖެހޭ ޚަރަދުތަކަށް ދައުލަތުން އިތުރު ސާޅީސް މިލިއަނެއްހައި ރުފިޔާ ޚަރަދުކުރަންޖެހެއެވެ. މިއީ އިސްރާފު ޚަރަދެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ، އެކަމަށް އަލީ ނިޔާޒްވަނީ ރައްދުދެއްވާފައެވެ.

"ފަށައިގަންނައިރު މިއީ ކޮންމެވެސްވަރެއްގެ ދަތިތަކެއް އަންނާނެ. އެކަމަކު އަޅުގަނޑުމެންގެ ވިސްނުމަކީ ދުރުސާތާ ވިސްނުމެއް. ރަށަށް ބާރުތައް ލިބުނީމައި ރަށްތަރަށްގީވެ ރަށަށް ވަންނަ އާމްދަނީ އިތުރުވާނެ. ވިޔަފާރިއަށް ދޮރުތައް ހުޅުވޭނެ. މިއީ މުޅި މުޖުތަމަޢުއަށް ލިބޭނެ ލުޔެއް." އަލީ ނިޔާޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލްމަހުއެވެ. ކައުންސިލަރުންގެ ޢަދަދަށް ގެނައި ބަދަލާއިއެކު ޖުމްލަ ނުވަ ސަތޭކަ އަށްޑިހަ ކައުންސިލަރުން ކައުންސިލްތަކަށް ހޮވާނެއެވެ.

މިމަހުގެ ފަންސަވީސްވަނަ ދުވަހު، އިލެކްޝަނުން ކޮމިޝަނުން ވަނީ މާލެސިޓީ އާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ޚާއްސަކުރާ ދާއިރާތައް ކަނޑައަޅުއްވާފައެވެ. މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު އަންހެނުންނަށް މުޅި ކައުންސިލްގެ ތެއްތިރީސް އިންސައްތަ ގޮޑި ޚާއްސަވެގެން ދާނެއެވެ. އެއީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލް ހިމެނޭހެން އަންހެނުންނަށް މުޅިން ޚާއްސަ ތިން ސަތޭކަ އަށްޑިހަ ހަތަރު ގޮނޑިއެވެ.