މާލެއަށް ކަރަންޓުގެ ޚިދުމަތް ސްޓެލްކޯއިން ދޭތާ 70 އަހަރު ފުރިގެންދާއިރު ކުންފުނީގައި ޚިދުމަތް ދިނުމަށްތިބީ %100 ދިވެހި މުވައްޒިފުންކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްގެ އެކްސްކުލޫސިވް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތް ދިނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ ރައްޔިތުން ބަލައި ގަންނަ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުވައި ދިނުމަށްކަމަށާއި ރަނގަޅު ޚިދުމަތެއް ފޯރުވައިދެވޭނީ ފެންވަރު ރަނގަޅު މުވައްޒިފުންތިބެގެންކަމަށެވެ. ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުވައި ދިނުމުގައި މިއަދާއި ހަމަޔަށް ހޯދާފައިވާ ކޮންމެ ކާމިޔާބަކީ ކުންފުނީގެ މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމުގައި މުޢުނީ ވިދާޅުވި. ކުންފުންޏަށް އޮތް އެންމެބޮޑު ހިންހަމަ ޖެހުމަކީ ސައްތައިން ސައްތަ ދިވެހި މުވައްޒިފުންނާއިއެކު ހިންގުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް 24 ގަޑިއިރު ފޯރުވައި ދެމުންދާ ކުންފުންޏަކަށްވާއިރު މުވައްޒިފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދާދިނުމަކީ ކުންފުނިން ނުހަނު ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށް މުޣުނީ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް ހުރި ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ބޭރުގެ ކަމާއިބެހޭ ފަރާތްތައް ގެނެސް އެބޭފުޅުންގެ ތަޖުރިބާއާއި، ދާއިރާގެ ފަންނީ މައުލޫމާތު މުވައްޒިފުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު ހުރި ކުންފުނިތަކުގެ ތެރެއިން ސައްތައިން ސައްތަ ދިވެހިންނާއިއެކު މަސައްކަތްކުރާ މަދު ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނުމަކީ އުފާކުރައްވާކަމެއްކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނީވެސް އެއްވެސް ބިދޭސީއެއް ކުންފުނީގެ ވަޒީފާއަކަށްނުގެނެސް ދިވެހިންނަށް ބަރޯސާވެގެން ހިންގާ ކުންފުޏެއްގެ ގޮތުގައި ކުންފުނި ހެދުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ކަރަންޓުގެ ޚިދުތަމް ފުޅާކޮށް ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތް ފޯރުވައި ދިނުމަށް ކުރާ މަސައްކަތާއި ގުޅޭގޮތުން މުޣުނީ ވިދާޅުވީ ހުޅުމާލޭގައި މިހާރު ގާއިމްކުރަމުންދާ މާލެ، ހުޅުމާލެ، ހުޅުލޭގެ ކަރަންޓުގެ ވިއުގަޔާއިއެކު މިސަރަހައްދުގެ ކަރަންޓުގެ ޚިދުމަތަށް ބޮޑުބަދަލެއް އަންނާނެކަމަށެވެ. މިހާރު މަސައްކަތް ކުރިއަށްދާގޮތުން އަންނަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް މިމަސައްކަތް ނިމި ޚިދުމަތް ދެވޭން ފަށާނެކަމަށާއި މިޚިދުމަތް ފަށާއިރު މިހާރު ކަރަންޓް ފޯރުވައިދިނުމުގައި ގެންގުޅޭ ނިޒާމު އޮޓޮމެޓިކް ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ކަރަންޓު ކެނޑިގެން ނަގާވަގުތު މާބޮޑުތަނުންވެސް ކުޑަވެގެންދާނެކަމަށެވެ.
ސްޓެލްކޯއަކީ، މިއަދު ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ބެންޗްމާކް ކުންފުންޏަކަށް ވެފައިވާއިރު، ކުންފުނީގެ ފެންވަރު ރަނގަޅުކުރުމަކީ މެނޭޖްމެންޓުން އެންމެ އިސްކަމެއް ދޭ ކަންތައްކަމުގައި ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ. ސްޓެލްކޯއިންދަނީ ދޭތެރެ ދޭތެރެއިން އެކުންފުނީގެ މުވައްޒިފުން ތަމްރީންކުރުމުގެ ޕްރޮގުރާމުތައްވެސް ހިންގަމުންނެވެ.