ހުޅުމާލޭ ޖަލުގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އުމުރުން 60 އަހަރުގެ މީހަކު ނިޔާވެއްޖެއެެވެ.
ވިހި އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ނިޔާވެފައި ވަނީ ޅ. ނައިފަރަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަބްދުލް ހަމީދު މޫސާއެވެ. މިމީހާގެ މަރާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މެޑިކަލް އޮފިސަރު ވިދާޅުވީ ހަމީދު ނިޔާވެފައި ވަނީ ހާލުބޮޑުވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހުގެރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ހަމީދު ނިޔާވުމުގެ ދެ ދުވަސްކުރިން އޭނާ ޑައިލެސިސް ހެދުމަށްފަހު ޖަލަށް ބަދަލުކުރުމުން ހާލަތު އިތުރަށް ގޯސްވުމުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ.
ހަމީދު ހާލަތު ގޯސްވެ ހޮސްޕިޓަލަށް ގެންދިއުމާއިއެކު އާއިލާއަށް އެކަން އަންގައި މާލޭގައި އެވަގުތު ތިބި އޭނާގެ އަންހެން ދަރިފުޅަކަށާއި ފިރިހެން ދަރިފުޅަށްވެސް އެންގި ކަމަށާއި އެމީހުން ހޮސްޕިޓަލަށް އައިސް އުޅުނުކަމަށް ކަރެކްޝަންގެ މެޑިކަލް އޮފިސަރު ވިދާޅުވިއެވެ.
ހަމީދަކީ ދެ ކިޑްނީ ފެއިލްވުމުންގެ ސަބަބުން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ހަފްތާއަކުވެސް 4 ދުވަހު ޑައިލެސިސް ހަދަމުންދިޔަ މީހެކެވެ. އަދި މީގެ އަހަރެއްހާ ދުވަސްކުރިން ޑޮކްޓަރުގެ ލަފަޔާއިއެކު ރާއްޖެއިން ބޭރުންވެސް އޭނާ ފަރުވާހޯދާފައި ވެއެވެ. އެފަހަރު އޭނާ ގޮވައިގެން ރާއްޖެއިން ބޭރަށްގޮސްފައި ވަނީ އޭނާގެ ފިރިހެން ދަރިފުޅުކަމަށްވެސް ކަރެކްޝަންގެ މެޑިކަލް އޮފިސަރު ވިދާޅުވިއެވެ.
2012 ވަނަ އަހަރުން ފެށިގެން ޖަލުގައި 20 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ހަމީދުގެ ބަލިހާލަތު ހުރިގޮތުން އޭނާ އާއިލާ އާއި ހަވާލުކުރުމަށް އެކި ފަހަރުމަތިން ކަރެކްޝަންސްއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އާއިލާގެ އެކި މެމްބަރުން ދިރިއުޅެމުން ގެން ދަނީ ރާއްޖެތެރޭގެ އެކި ރަށްރަށުގައި ކަމަށްވުމުންނާއި ރަށްރަށުން ޑައިލެސިސް ހަދައި ފަރުވާ ހޯދުމަކީ ފަސޭހަކަމަށް ނުވާތީ އާއިލާއިން އެދުނީ ކަރެކްޝަންގެ ބެލުމުގެ ދަށުން ފަރުވާދިނުމަށްކަމަށް މެޑިކަލް އޮފިސަރު ވިދާޅުވިއެވެ.
ހަމީދު ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އާއިލީ ބައްދަލުވުންތަކަށް މާލޭގައި ހުރި އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ކޮންމެ ހަފްތާއަކުވެސް ގޮސް އޭނާ އާއި ބައްދަލުކޮށްފައި ވެއެެވެ. އަދި އާއިލާގެ ފަރާތުންވެސް ކަރެކްޝަނަށް އެއްބާރުލުން ދެމުން ގެންދިޔަ ކަމުގައި މެޑިކަލް އޮފިސަރު ވިދާޅުވިއެވެ.