ތަޢުލީމު

އަންނަ އަހަރު ޤުރްއާން މާއްދާއިން ހަދަންޖެހޭނީ އެންމެ އެސައިންމަންޓެއް - ޑީޕީއީ


ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި އަންނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ހިމަނާފައިވާއިރު، އަންނަ އަހަރުގެ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުން އެ މައްދާއިން އެންމެ އެސައިންމަންޓެއް ހަދަންޖެހޭގޮތަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް، ޑީ.ޕީ.އީން ނިންމައިފިއެވެ.

ރާއްޖޭގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 ނިންމާ ދަރިވަރުންނަށް ގުރުޢާން މާއްދާއިން ޘާނަވީ ފެންވަރުގައި ދެވޭ އިމްތިޙާން 2020 ވަނަ އަހަރު ދިނުމަށް ވަނީ ނިންމާފައެވެ. އަދި އިމްތިޙާން ދިނުމާގުޅޭ އުޞޫލުތައް ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ސްކޫލްތަކަށް މިހާރު ވަނީ ފޮނުވާފައެވެ. މި އުޞޫލުގައިވާގޮތުން ގްރޭޑް 10 ނިމޭއިރު ދަރިވަރުން ދެ އެސައިންމެންޓެއް ހަދަންޖެހެއެވެ. އެއީ ގްރޭޑް 9 އެއްގައި ހަދަންޖެހޭ އެސައިންމެންޓަކާއި، ގްރޭޑް 10 ގައި ހަދަންޖެހޭ އެސައިންމެންޓެކެވެ.

ޑީ.ޕީ.އީ ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ މިފެށޭ އަހަރަކީ މިގޮތަށް އިމްތިޙާނުކުރެވޭ ފުރަތަމަ ފަހަރުކަމަށްވުމާއެކު، 2020 ވަނަ އަހަރުގެ އިމްތިޙާނު ހަދާ ދަރިވަރުންނަށް ޚާއްސަކޮށް ދެ އެސައިންމަންޓުގެ ބަދަލުގައި އެއް އެސައިމަންޓް ދިނުމަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ޑީ.ޕީ.އީން މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ އެސައިންމަންޓް ދަރިވަރުން ނިންމާ، ސްކޫލަށް ޙަވާލުކުރަންޖެހޭ ތާރީޚަކީ 19 އޭޕްރިލް 2020 ކަމަށް މި ސަރކިއުލަރގައި ބުނެފައިވެއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ބައެއް ބެލެނިވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުންތަކަށް ބެލުމަށްފަހުކަމަށްވެސް ޑީ.ޕީ.އީން ބުނެފައިވެއެވެ.

ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 އަކާއެކު އިސްލާމްއާއި ދިވެހި މާއްދާގެ އިމްތިޙާނު ކަރުދާސްތަކަށްވެސް ބަދަލުތަކެއް ގެނައުމަށްވަނީ ނިންމާފައެވެ. އެގޮތުން ދިވެހި މާއްދާގައި ދޭހަޔާއި ލިޔުންތެރިކަމުގެ ކަރުދާސް އެކަނި ހިމަނައި، ކުރީގައި ދެމުންދާ އަދަބިއްޔާތާއި، ޅެމާއި، ރައިވަރު މާނަ ކުރުމުގެ ކަރުދާހުގެ ބަދަލުގައި، އެ ބައިތައް ހިމެނޭ އެސައިންމަންޓެއް ދޭން ވަނީ ނިންމައިފައެވެ. އަދި އިސްލާމް މައްދާގެ އިމްތިޙާނުގައި ފުރަތަމަ ސުވާލު ކަރުދާހުގައި ކުރު ޖަވާބު ދޭ ސުވާލުތަކެއްގެ ބަދަލުގައި އިޚްތިޔާރީ ޖަވާބުދޭންޖެހޭ ސުވާލުތަކެއް ހިމަނާގޮތަށް ނިންމާފައިވާއިރު، ދެވަނަ ކަރުދާހުގައި ދިގު ޖަވާބު ދޭންޖެހޭ ސުވާލުތަކާއެކު ކުރު ޖަވާބު ދޭންޖެހޭ ސުވާލުތަކެއްވެސް ހިމެނުމަށް ވަނީ ނިންމާފައެވެ.