ފެނާއި ނަރުދަމާ އާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކުގެ މަރާމާތަށް ނުވަތަ ފުޅާކުުރުމަށް ހިންގާ މަޝްރޫއުތަކަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލައިފިއެވެ.ރައީސް އަބްދުﷲ ޔާމީން އެ ގޮތަށް ނިންމަވާފައި ވަނީ ރައްޔިތުންގެ ނުވަތަ ރަށެއްގެ މުޅި ރައްޔިތުންގެ އާއްމު ފައިދާ އަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ ނުވަތަ ޑިއުޓީން ބައެއް ހާއްސަ ހާލަތެއް މެދުވެރިވެގެން މާފުކޮށްދިނުމަށް، އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިކަމާ ގުޅޭ އުސޫލު ވަނީ މި ހަފްތާތެރޭގައި ގެޒެޓް ކޮށްފައެވެ.މި އުސޫލުގައި އަސާސީ ހިދުމަތްތައް ކަމަށް މާނަކޮށްފައި ވަނީ ފެނާއި ނަރުދަމާ އާއި ކުންޏާއި ބޯހިޔާވަހިކަމާއި ކަރަންޓާއި ސިއްހަތާއި ތައުލީމް އަދި އާއްމު ދަތުރުފަތުރާ ގުޅޭ ހިދުމަތްތަކަށެވެ. އެ ހިދުމަތްތަކަށް ގެންނަ ތަކެތިން ޑިއުޓީ ކަނޑާލަން ނިންމާފައި ވަނީ 7 ހާލަތަކަށް ފެތޭ ނަމައެވެ.މިގޮތުން ރޯގާ ބަލިމަޑުކަމެއް ފެތުރުން، އަސާސީ ހިދުމަތެއް ފޯރުކޮށް ނުދެވުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ނުވަތަ ކެއިން ބުއިމަށް ނޭދެވޭ އަސަރުކުރުން، އަސާސީ ހިދުމަތެއް މެދުކެނޑުން ނުވަތަ ކުރިން ލިބެމުން އައި ފެންވަރުގައި ނުވަތަ މިންވަރުގައި ނުލިބުން އަދި ގުދުރަތީ ހާދިސާއެއް ކުރިމަތިވުން، އިޖުތިމާއީ، އުމްރާނީ އަދި ތިމާވެށި ރައްކާތެރިކުރުމަށް ހިލޭ އެހީގެ ދަށުންނާއި ޑިއުޓީ މާފުކުރަން އެގްރިމެންޓްކޮށްގެން ހިންގާ މަޝްރޫއުތަކާއި، ހިލޭ އެހީ އާއި ހަދިޔާގެ ގޮތުގައި ލިބޭ ތަކެތިން ވެސް ޑިއުޓީއެއް ނުނަގާގޮތަށްވަނީ ނިންމަވާފައެވެ. އެއިން އެއްވެސް ހާލަތެއް ކުރިމަތިވަނީ، އުސޫލުގައި ބުނާ ގޮތުން، މުޅި ރާއްޖެ އަށް ތޯ ނުވަތަ ވަކި ރަށަކަށްތޯ ޑިއުޓީ މާފުކޮށްދިނުމުގައި ނުބަލާނެއެވެ. އަދި އެއިން ހާލަތެއްގައި ޑިއުޓީ މާފުކޮށްދިނުމަށް އެދި ކަމާ ބެހޭ މިނިސްޓްރީއަކަށް ހުށަހަޅަން، މި އުސޫލުގައި ވަކި މުއްދަތެއް ވެސް ކަނޑަައަޅާފައެއް ނުވެއެވެ.މީގެ އިތުރުން، ދައުލަތުން ކުރާ އެގްރިމަންޓްތަކުގައި ވަކި ގޮތަކަށް ބަޔާންކޮށްގެން އެތެރެކުރާ ތަކެތިން ވެސް ޑިއުޓީ ނުނަގަން ރައީސް ވަނީ ނިންމަވާފައެވެ. ނަމަވެސް އެ ގޮތަށް ކުރާ އެގްރިމެންޓްތަކުގައި ޑިއުޓީ މާފުކުރުމަށް މާއްދާއެއް ހިމެނުމުގެ ކުރިން، ކަމާ ބެހޭ މިނިސްޓްރީއަކަށް ހުށަހަޅައިގެން ރައީސް އޮފީހުގެ ހުއްދަ ހޯދަން މި އުސޫލު ލާޒިމްކުރެއެވެ.