ސިއްހަތު

އޯއައިސީގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަށް މިނިސްޓަރ އަމީން އަބޫދާބީއަށް ވަޑައިގެންފި


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އަބޫ ދާބީއަށް ވަޑައިގެންފިއެވެ.

އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުން "އިސްލާމިކް ކޮންފަރެންސް އޮފް ހެލްތް މިނިސްޓަރސް" ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 16 އިން ފެށިގެން ޑިސެމްބަރު 17ގެ ނިޔަލަށް އެކުވެރި ޢަރަބި އިމާރާތުގެ ވެރިރަށް އަބޫ ދާބީގައެވެ.

މި ކޮންފަރެންސްގެ މައިގަނޑު ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފެންވަރު ރަނގަޅު ދިރިއުޅުމެއް" މި ޝިއާރެވެ. އޮގުތުން މި ކޮންފަރެންސްގެ ތެރެއިން އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ މެދުގައި ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޯ.އައި.ސީގެ އެކިއެކި އިންސްޓިޓިއުޝަންތަކާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދިދާނެ ކަންކަމާގުޅޭގޮތުންވެސް މަޝްވަރާކުރެވިގެންދާނެއެވެ.

މިއީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި މިފަދަ ބައްދަލުވުމެއް ބާއްވާ 7 ވަނަ ފަހަރެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސް އެންމެފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައެވެ.

"އިސްލާމިކް ކޮންފަރެންސް އޮފް ހެލްތް މިނިސްޓަރސް"ގައި ބައިވެރިވެވަޑައިގަތުމަށް ހެލްތް މިނިސްޓަރ އަމީން އަބޫ ދާބީއަށް ވަޑައިގެންފައިވާއިރު، ދާދިފަހުން ބޭއްވި އޯ.އައި.ސީގެ އިޖްތިމާޢީ ތަރައްޤީއާގުޅޭ ފުރަތަމަ މިނިސްޓީރިއަލް ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.