ކަރަންޓު މީޓަރުގެ ރީޑިންގ ނެގުމަށްފަހު ވަގުތުން ބިލް ޕްރިންޓުކުރެވޭނެފަދަ ޒަމާނީ ވަސީލަތްތައް ރާއްޖެއަށް ތައާރަފް ކުރުމަށް ތައްޔާރުވަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ވަސީލަތްތައް ތަޢާރަފްކޮށް ކުންފުނީގެ މުޢައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ނިޒާމެއް ހޯދައިދިނުމަށްކަމަށެވެ. ފެނަކަ ކޯޕަރޭޝަނަކީ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ރާއްޖޭގެ ގިނަ ރަށްތަކަކަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
ފެނަކައިން ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން މި ޚިދުމަތް ޒަމާނީ ކުރުމުގެގޮތުން ރީޑިންގްތައް ނެގުމަށް ފަސޭހަކުރުމަށް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސްމާޓް މީޓަރ މެދުވެރިކޮށް ފަސޭހަކަމާއިއެކު ރީޑީންގ ނެގޭނެ އިންޒާމުވެސް އަންނަ އަހަރު ބޭނުންކުރަން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ ޚާއްޞަ އެޕްލިކޭޝަނެއް ލޯންޗުކުރުން މިމަހުގެ 22ގައި އޮންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ސްމަރޓް މީޓަރ ބޭނުންކުރުމަކީ ކުރެވޭނެކަމެއްތޯ ބެލުމަށް ސްމަރޓް މީޓަރސް ބަހައްޓައިގެން ބ.އަތޮޅު އަދި ތ.އަތޮޅުގައި މިވަނީ ޕައިލެޓް ޕްރޮޖެކްޓެއް ހިންގާފައި. ޖެނުއަރީ ނުވަތަ ފެބްރުއަރީގައި މި މަސައްކަތް ރަސްމީކޮށް ފަށާނަން. އޭރުން ގޭ ދޮރުމަތީގައި ހުރެފައި ރީޑިންގ ނަގައި ބިލް ޕްރިންޓްކޮށް ވަގުތުން ބިލް ދެވޭނެ" ސަޢީދު ވިދާޅުވިއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ އެކުންފުނިން ފެނުގެ ޚިދުމަތްދޭ ރަށްރަށުގައި ފެން މީޓަރުގެ ރީޑިންގްތައްވެސް ސްމަރޓް ޑިޖިޓަލް މީޓަރު ބޭނުންކޮށްގެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، އަންނަ އަހަރު ބޭނުންކުރަން ފަށާނެކަމަށެވެ. ފެނަކައަކީ މިހާރުވެސް ރާއްޖޭގެ %70އަށްވުރެ ބޮޑު އާބާދީއަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންއަންނަ ކުންފުންޏެކެވެ.