ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ހުޅުމާލޭގައި ދެމުންދާ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި، އަންނަ ބަދަލުތަކާއި އެކު އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމަށް އެޗްޑީސީ އާއި، މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ޤަނޫނަށް ގެނައި ބަދަލުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދޫކޮށްލާފައިވާކަމަށެވެ. ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަމާއި، މުނިސިޕަލް އެންމެހާ ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތަކީ ކައުންސިލްތަކުގެ ޒިންމާއެއްކަމަށް ގާނޫނުގައި ކަނޑައަޅާފައިވާކަމުގައި އޭނާ ވިދާޅުވިއެވެ.
ގާނޫނުން ބޮޑެތި ބާރުތައް ކައުންސިލްތަކަށް ދީފައިވާއިރު ހުޅުމާލޭގައި ދެމުންދާ ޚިދުމަތްތަކާއި ކަންކަމަކީ ފެށުނީއްސުރެއް އެޗްޑީސީން ދެމުންދާ ޚިދުމްތަތަކެއް ކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ތަސައްވަރާއި ގުޅޭގޮތުން އޭނާ ވިދާޅުވީ ގާނޫނަށް ގެނައި ބަދަލުތަކާއިއެކު އެޗްޑީސީގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. ގާނޫނަށް ގެނައި ބަދަލުތަކާއި އެކު ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި، ބިންތަކާއި އެނޫންވެސް އެންމެހާ މަސައްކަތް ކުރުމަށް އުފައްދާފައިވާ އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލާއިއެކު އެއްބަސްވުމެއްގެ ދަށުން އެ ކަންކަން އެޗްޑީސީން ކުރާގޮތައް އެއްބަަސް ވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީ އާއިއެކު ވެވޭ މިއެއްބަސްވުމުގެ ޑްރާފްޓް ދެފަރާތުންވެސް މިހާރު ބަދަލުކޮށް އެއްބަސްވުމުގައި ސޮއިކުރުމާއި ހަމައަށް އާދެވިފައި ވާކަމަށްވެސް ހުޅުމާލެދާއިރާގެ މެމްބަރު ވިދާޅުވިއެވެ. އެޗްޑީސީއަކީ ގިނަ އަދަދެއްގެ މުވައްޒިފުން ހިމެނޭ ގިނަ ޚިދުމަތްތަކެއް ހުޅުމާލެއަށް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވާއިރު އެތަނުގެ އެއްވެސް މުވައްޒިފަކަށް އަދި އެއްވެސް ޚިދުމަތަކަށް ހުއްޓުން އަންނަ ގޮތަކަށް ކަންކަން ވެގެން ނުދާނެކަމުގެ ޔަގީންކަން ދެއްވާކަމުގައިވެސް ނިޔާޒް ވިދާޅުވިއެވެ.
އެޗްޑީސީއަކީ ހުޅުމާލޭގެ މުނިސިޕިލް އެންމެހައި ހިދުމަތާއި، ބިންތަކާއި، ފްލެޓްތަކުގެވެސް މަސްއޫލުވެރިފަރާތެވެ. ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަކީ މުޅި ރަށް ނުވަތަ މުޅި ސިޓީގެ ހުރިހާ ކަމެއް، އެ ތަނެއްގެ ރައްޔިތުން ބޭނުންވާގޮތަކަށް ރާވައި ހިންގުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް، އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލެވޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނެކެވެ.