ޚަބަރު

ނުވަލައްކަ 50 ހާހަށްވުރެ ގިނަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ނިހާނުގެ މައްޗަށް ހުކުމްކޮށްފި


ހާބަރު ފުޓްކޯޓުގެ 22 ނަންބަރު ޔުނިޓް ކުއްޔަށް ހިފުމުގައި އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދައްކަންޖެހޭ ފައިސާ ނުދެއްކި މައްސަލައިގައި ނުވަލައްކަ ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކުރީގެ ވިލިމާލެދާއިރާގެ މެމްބަރު އަޙްމަދު ނިހާންގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

އެސްޓީއޯއިން ކުރި ދައުވާގައި ބުނެފައިވަނީ 2018 އޮގަސްޓް މަހުން ފެށިގެން ނިހާން އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށެވެ. އެސްޓީއޯއިން ދައުވާކޮށްފައިވަނީ އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެފައިސާ ހޯދުމަށެވެ. ކުއްޔާއި ޖޫރިމަނާއަށް މިހާތަނަށް 1.1 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. ނިހާން އާއި އެސްޓީއޯއާ ދެމެދު 04 ޖޫން 2018 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުޑްކޯޓް ނިހާނަށް 5 އަހަރު ދުވަހުގެ މުއްދަތައް ވަނީ ކުއްޔަށްދީފައެވެ.

ސިވިލްކޯޓުން ނިހާނުގެ މައްޗަށް ޣައިރު ހާޒިރުގައި ކޮށްފައިވާ މިހުކުމުގައި ބުނެފައިވަނީ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާތީ، ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި 16 ޖޫން 2010 ގެ ނިޔަލަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާއާއި، ކުލީގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 16 ޖޫން 2019 ގެ ނިޔަލަށް އަރާފައިވާ ފަސްދޮޅަސް ފަސްހާހަށްވުރެގިނަ ރުފިޔާއާއިއެކު ޖުމްލަ ނުވަލައްކަ ފަންސާސް ނުވަހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ މިއަދުންގެ ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ދެއްކުމަށް ނިހާނުގެ މައްޗަށްވަނީ ހުކުމްކޮށްފައެވެ.

ކުރީސަރުކާރުން ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ނެގުމަށްފަހު އެތަނުގައި 26 ފުޑްކޯޓެއް ޒަމާނީ ފެންވަރެއްގައި އެސްޓީއޯއިންވަނީ ހަދާފައެވެ. މިތަންތަން ކުއްޔަށް ދިނުމުގައި އޭރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، މަޖިލީހުގެ އޭރުގެ މެމްބަރުން ހިއްސާވާ ފަރާތްތަކަށް ފުޑްކޯޓްތައް ދީފައިވެއެވެ.