ޚަބަރު

ލޮކް ސަބާއާ އެކު ފަހުމުނާމާއެއްގައި ސޮއެކުރުމަށް މަޖިލީހުގެ ވަފުދެއް އިންޑިއާއަށް


އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ފަހުމުނާމާއެއްގައި ސޮއިކުރުމަށްޓަކައި 15 ބޭފުޅުންގެ ވަފުދެއް އިންޑިޔާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މަޖިލިސް ރައީސާއި، ނައިބް ރައީސް އަދި އަމީން އާންމުގެ އިތުރުން ކައުންސިލަރ ޖެނެރަލާއި ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭގޮތަށް 15 ބޭފުޅަކު ވަނީ މިއަދު ހެދުނު އިންޑިޔާއަށް ފުރާވަޑައިގެންފައެވެ. މި ދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފަހުމު ނާމާގައި ސޮއިކުރުންކަމަށް މަޖިލިސް އިދާރާއިން މައުލޫމާތު ދެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ފަހުމު ނާމާގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. އަދި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބައިނަލްއަގުވާމީ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހާއި އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން ރަސްމީ އޮނިގަނޑެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ މަސައްކަތް ނިންމަވާލެއްވުމަށްފަހު މަޖިލިސް ވަނީ 2 މަސްދުވަހުގެ ޗުއްޓީއަކަށް ގޮސްފައެވެ.