ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު އިންތިޚާބްތަކާއި ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މިހަފްތާގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު މަޖިލީހުން ޤާނޫނު ފާސްކޮށްފައިވާތީ އިލެކްޝަނުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންތިޚާބް ފުރިހަމަކަމާއެކު ބޭއްވުމަށް އިންތިޚާބްތަކާއި ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެނަންޖެހޭކަމަށެވެ.
ޝަރީފް ވިދާޅުވީ ޤާނޫނަށް ބަދަލުގެނެސް މަޖިލީހުން ފާސްކުރުމާއެކު ކޮމިޝަނުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްކޮށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްވެސް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން މިހަފްތާގެ ތެރޭގައި މި އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި އިންތިޚާބްތަކާ ބެހޭ ޤާނޫނުތަކަށް ގެންނަ އިސްލާހުތައް އިންތިޚާބުގެ ކުރިން ނުގެނެވުނު ނަމަވެސް އިންތިޚާބް ބޭއްވުމަށް އެއްވެސް މައްސަލައެއް ކުރިމަތިނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށް ފުރިހަމަ ރަނގަޅު އިންތިޚާބެއް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބަށް ގެންނަ ބަދަލާއެކު މުޅި އިންތިޚާބަށް ގާތްގަނޑަކަށް 65 ނުވަތަ 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނައަހަރުގެ ފެބުރުއަރީ މަހުގައެވެ. ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާފައިވަނީ އަންނަ އަހަރު އޭޕްރީލްމަހުގެ 4 ވަނަ ދުވަހުއެވެ.