ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކީ ރަށް ކުރިއެރުވުމުގައި ރައްޔިތުންގެ ހިއްސާ ފެނިގެންދާނެ މުހިންމު ބަދަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޒާޒު ވިދާޅުވެއްޖެއެވެ. ގެސްޓްހައުސްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ހަވާލުކުރުމަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އަލީ ނިޔާޒު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން ފާސްކުރި ބަދަލުތަކާއިއެކު، ކައުންސިލްތަކުގެ އަސްލު ދަޢުރު ފެނިގެންދާނެކަމަށެވެ.
ނިޔާޒް ވިދާޅުވީ 2010ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު ފާސްކުރީ ރަށަށް ފައިދާވާނެ މުހިންމު ގިނަ ކަންތައްތަކެއް ކައުންސިލްގެ ތެރެއިން ކުރުމަށްކަމަށެވެ. ނަމަވެސް މަރުކަޒީ ނިޒާމެއްގެ ތެރެއިން ސިޔާސަތުތައް އެކަށައެޅުމާއި ކައުންސިލްތަކުގެ ބާރުތައް އަތުލައި މަރުކަޒީ ނިޒާމެއްގެ ތެރޭގައި ކައުންސިލްގެ ބާރުތައް ހިފެހެއްޓިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ޤާނޫނަށް ގެންނަން ނިންމި ބަދަލުތަކާއެކު މިނިސްޓްރީތަކުން ކުރަމުންއައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ބަޖެޓު ދިނުމަށް، އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައިވެސްވ ހިމަނާފައިވާނެކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
"2020ގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ. އަދި ކައުންސިލްތަކުން އާމްދަނީ އިތުރުކުރުމަށް ވިޔަފާރި ކުރެވޭނެ މަގުވަނީ ފަހިކޮށްދީފައި." ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ރަށްވެހި ޚިދުމަތްތައް ދިނުމަށް މީގެކުރިން ކައުންސިލްތަކަށް ދެމުންއައީ 600 މިލިއަނާއި، 800 މިލިއަނާއި ދެމެދުގެ އަދަދެއްގެ ފައިސާކަމަށެވެ. އަދި މީގެ ސަބަބުން ބައެއް މަސައްކަތްތައް ނުނިމި ކައުންސިލަރުން އެކި މިނިސްޓްރީތަކަށް ސަލާންޖަހަންޖެހުނު ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
"ކައުންސިލުން ދޭންޖެހޭ ގިނަ ޚިދުމަތްތައް އެބަހުރި. ކުނި މެނޭޖްކުރުން، މަގުތައް ބަނދަރުތައް ބެލެހެއްޓުން، ދުވަހުން ދުވަހަށް ދޭންޖެހޭ މިފަދަ ގިނަ ޚިދުމަތްތައް އެބަހުރި. މި މަސައްކަތްތަކަށް އެންމެ މަދުވެގެން 1.4 ބިލިއަންގެ ބަޖެޓެއް ބޭނުންވޭ. އެކަމަކު ކުރީ ސަރުކާރުން މިއާ ގާތަށްވެސް ފައިސާ ދީފައެއް ނުވެ." ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ޤާނޫނު ތަސްތީޤް ކުރުމާއެކު ކައުންސިލްތައް ބާރުވެރި ކުރެވި ރަށްތަކަށް ބޮޑެތި ކުރިއެރުންތައް އަންނާނެ ކަމަށެވެ. އަދި ރަށުގެ ތަރައްޤީގައި ރައްޔިތުންގެ ހިއްސާ ބޮޑުވެ ކަންކަން ނިންމުމަށްވެސް ފަސޭހަވެގެންދާނެ ކަން ނިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.