ސިވިލް ސަރވިސް އުސޫލުތަކަށް ބަދަލު ގެނެސް ވަކި ބަޔަކަށް ވަޒީފާ ދިނުމަށް ސިވިލް ސާރވިސް ކޮމިޝަނުން މިދިޔަ 5 އަހަރު މަސައްކަތްކޮށްފައިވާކަން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ ރިޕޯޓުން ހާމަވެއްޖެއެވެ. ސިވިލް ސަރވިސް ކޮމިޝަނާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން ހުށައަޅާފައިވާ ޝަކުވާތައް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ސިވިލް ސަރވިސް ކޮމިޝަނާއި ގުޅޭގޮތުން ހުށައެޅި މައްސަލަތައް ބެލުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީންވަނީ ކޮމިޝަންގައި ހިމެނި ވަޑައިގެންނަވާ މެމްބަރުން ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައެވެ. އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމަށް ސީއެސްސީގެ މެމްބަރުން ހާޒިރުވުމަށް އެނގިނަމަވެސް ހާޒިރުވެފައިވާނީ ކޮމިޝަންގެ ރައީސް އެކަންޏެވެ.
ކޮމިޝަންގެ ރައީސް ކޮމެޓީއަށް ވަޑައިގެން މިދިޔަ ފަސް އަހަރު އެ ކޮމިޝަންގެ މަސައްކަތްތައް ހިނގާދިޔަ ގޮތް ވަނީ ކޮމެޓީއަށް ހިއްސާކުރައްވާފައެވެ. އެގޮތުން އޭރު ހިގަމުންދިޔަ ކަންކަން އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި އޭރުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގެ މުޤައްރިރަށް ހިއްސާކުރަން އެދިވަޑައިގެންނެވިކަމަށާއި އެހެންނަމަވެސް އެ ފުރުސަތު ދެއްވާފައި ނުވާކަމަށް ސީއެސްސީގެ ރައީސް ވިދާޅުވިއެވެ. އަދި އޭރުގެ ބަންޑާރަ ނައިބާއި ބައްދަލުކުރައްވާ ކޮމިޝަން ތެެރޭ މަސައްކަތްތައް ހިގަމުން ދިޔަ ގޮތް ހިއްސާކުރެއްވިކަމަށްވެސް ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނާއި ގުޅިގެން ހުށައެޅުނު ޝަކުވާތައް ބެލުމަށްފަހު ސަބް ކޮމެޓީގެ ރިޕޯޓްގައިވަނީ 7 ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން އެއްވެސް ނޯޓިހެއް ދިނުމަކާއި ނުލާ 90 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަން ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މި މުވައްޒަފުން ވަޒީފާއިން ވަކިކުރީ ދޭންޖެހޭ ނޯޓިސް ނުދީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ސިވިލް ސަރވިސް ޤަވައިދާ ހިލާފަށްކަމަށްވެސް ކޮމެޓީގެ ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކަށް ޕާމަނަންޓް ސެކެރެޓަރީން އައްޔަންކުރުމުގައި ގެންގުޅޭ އުސޫލަށް އެކި ފަހަރުމަތިން ބަދަލުތަކެއް ގެނެސްފައިވާކަންވެސް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވަކި މީހަކަށް ވަޒީފާ ދިނުމަށް މަޤާމުގެ ޝަރުތުތަކަށް ބަދަލު ގެނެސްފައިވާކަންވެސް ކޮމެޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސާތަކާއި ބެހޭ ކޮމެޓީން އަންނަނީ ސިވިލް ސަރވިސް ކޮމިޝަންގެ ނާއިބު ރައީސަކަށް ހުންނެވި ޝަހީދު މުޙައްމަދު އެ މަޤާމަށް ޝަރުތު ހަމަނުވަނީސް އައްޔަންކޮށްފައިވާ މައްސަލަވެސް ބަލަމުންނެވެ. މީގެއިތުރުން ކޮމިޝަންގެ މެމްބަރުން މަޤާމުގެ ނުފޫޒު ބޭނުންކުރިކަމަށް ބުނާ މައްސަލައެއްވެސް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އަންނަނީ ބަލަމުންނެވެ.