ކުޅިވަރު

ރަން މެޑަލްއަށް ޓާގެޓްކުރި ޤައުމީ ފުޓުބޯޅަ ޓީމުން ހުސްއަތާ މުބާރާތް ނިންމާލައިފި


13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުންވެސް ބަލިވެ ހުސްއަތާ މުބާރާތް ނިންމާލައިފިއެވެ.

ނޭޕާލްގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސް ފުޓުބޯޅަ އިވެންޓްގައި ލީގު އުސޫލުން ކުޅުނު ރާއްޖޭގެފަހު މެޗްގައި ވާދަކޮށްފައިވަނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ވާދަކޮށް ރާއްޖެ ބަލިވީ 2-1 ލަނޑުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގައި ނޭޕާލްގެ ޓީމުންވަނީ މޮޅަށްކުޅެ ގިނަ ހަމަލާތަޖެއް ރާއްޖޭގެ ގޯލަށް ފޮނުވާލަފައެވެ.

މެޗްގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ދިވެހި ޓީމުންވަނީ ލީޑްނަގާފައެވެ. މި ގޯލް ރާއްޖެއަށް ކާމިޔާބްކުރީ އިބްރާހީމް މަހުދީ ޙުސައިން (ފޭދޫ އިއްބެ) އެވެ. މި ގޯލާއެކު ރާއްޖޭގެ ފަހަތަށް ބާރުބޮޑުވެ ފުލުފުލުގައި ނޭޕާލްގެ ހަމަލާތައް ދިޔައީ އަމާޒުކުރަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަހާފު ނިމުމުގެ ކުރިން ނޭޕާލުން ނަތީޖާ ހަމަހަމަކުރުމެވެ.

2ވަނަ ހާފުވެސް ފެށިގެން ގިނަ ހަމަލާތައް އުފައްދައި މެޗް ޑޮމިނޭޓްކޮށްގެން ކުޅުނީ ނޭޕާލުންނެވެ. ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނޭޕާލުގެ ޓީމުންވަނީ އެޓީމުގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގައި ރާއްޖޭގެ ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވެއެވެ. މި ނަތީޖާއާއެކު ރާއްޖޭގެ ފުޓުބޯޅަ ޓީމަށްވަނީ ގޭމްސް ނިމިފައެވެ. ކުޅުނު 4 މެޗުން ލިބިފައިވަނީ އެންމެ 2 ޕޮއިންޓެވެ.

މިމުބާރާތުގައި ރާއްޖޭގެ ޓީމުން ނެރެފައިވާ ދަށް ނަޖީޖާތަކަކީ ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ފުޓުބޯޅާގައި ނެރުނު އެންމެ ދަށް ނަތީޖާއެވެ. ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ބޫޓާން އަތުން ބަލިނުވެ ރާއްޖެ ދަމަހައްޓަމުންއައި ރެކޯޑްވެސް މިމުބާރާތުގައި 2-1ން ބޫޓާން އަތުން ބަލިވުމުންވަނީ ނިމުމަކަށް އައިސްފައެވެ. އަދި ނޭޕާލް އަތުން ބަލިވި ބަލިވުމަކީވެސް ސާކް ސަރަހައްދުގައި ރާއްޖެ ދަމަހައްޓަމުންދިޔަ ރަނގަޅު ނަތީޖާއަށް ނިމުން ގެނުވިކަމެކެވެ.

ރާއްޖޭގެ ފުޓުބޯޅަ ޓީމުން މިމުބާރާތައް ގޮސްފައިވަނީ ރަންމެޑެލް ހޯދުމަށް އަމާޒު ކަނޑައަޅައިގެންނެވެ. ނަމަވެސް ފީފާގެ ރޭންކިންއާއި، ސާކް ސަރަހައްދުގެ ރޭކިންގައިވެސް ރާއްޖެއަށްވުރެ ދަށުގައި އޮތް ޓީމުތަކުގެ އަތުންބަލިވެ ރާއްޖެވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ.