ޚަބަރު

ޕީޖީގެ މަޤާމަށް ޝަމީމް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި


ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމު އެމަޤާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީޖީގެ މަޤާމަށް ޝަމީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ޕީޖީގެ މަޤާމަށް ޝަމީމް އައްޔަން ކުރެއްވުމަށް ފެންނަކަމަށް ވޯޓް ދެއްވީ 74 މެމްބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ޝަމީމްއަކީ ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ޤާނޫނީ ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނަންނަވާ ބޭފުޅެކެވެ. އަދި އޭނާވަނީ ޖަލުގައި އެއްވެސް ހުކުމެއްނެތި ތިބި އެތައްބަޔެއްގެ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލުތަކެއް އަންނަންޖެހޭކަމަށްބުނެ ތަކުރާރުކޮށް ވަކާލާތުވެސް ކުރައްވާފައެވެ.

ޝަމީމްވަނީ އޭނާއާއި ޖުޑީޝަރީ ކޮމިޓީން ކުރެއްވި އިންޓްވިއުގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަން އިންސާފްވެރި ރަނގަޅު ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންފުޅުވާތީކަމަށް ވިދާޅުވެފައެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނުބެލި ލަސްވަމުންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އެ މައްސަލައަށް ޙައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންވެއްޖެނަމަ އަޅުގަނޑުގެ ތަސައްވުރަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓާންޖެހިއްޖެނަމަ ވީހާވެސް ކުރުމުއްދަތެއްގައި އޭނާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދިއުން." ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އައިޝަތު ބިޝާމް މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ބިޝާމު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް މަސައްކަތް ކުރައްމުންދަނިކޮށެވެ. ބިޝާމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަޤާމުގައި ހުންނަވައި ގާނޫނާ ޚިލާފަށް ގިނަ އަމަލުތަކެއް ކުރެއްވި ކަމުގެ ތުހުމަތާއި، ނުހައްގު ދައުވާތައް އުފުލެއްވުމާއި ބައެއް ދައުވާތައް ގޯސް ކަމަށް އަމިއްލަ އަށް ޤަބޫލުކުރައްވައި އަނބުރާ ގެންނެވުން ފަދަ ކަންކަން ހިމެނެއެވެ.