ލާމަރުކަޒީ ޤާނޫނަށް ގެނައިބަދަލުތަކާއެކު ޤާނޫނީ ގޮތުން ކައުންސިލަރުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދިޔައިރު، ރައްޔިތުންގެ މެދުގައި އެންމެބޮޑު ބަހުސަކަށް ވެގެނެދިޔަ އެއްކަމަކީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުމާބެހެގޮތުން ދެކެވުނު ވާހަކަތަކެވެ. ނަމަވެސް މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތައް ފާސްކުރިއިރު މި ވަނީ ކައުންސިލަރުން ވަކިކުރުމުގެ ބާރު ކުރިންވެސް އޮތް ގޮތަށް އެލްޖީއެއަށްދީފައެވެ. އަދި ކައުންސިލްތަކުގެ 33 އިންސައްތަ ކޯޓާ ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ޤާނޫނަށް ގެނައި ބޮޑު ބަދަލުތަކާއެކު އިއްޔެ މަޖިލީހުންވަނީ ބިލްފާސްކޮށްފައެވެ. ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކުގެ ތެރެއިން ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމެއް އޮތް އެއްއިސްލާހަކީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނެގުމަށް ހުށަހެޅުނު އިސްލާހެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު މިއިސްލާހު ހުށަހެޅުމުން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވިއެވެ.
ބިލް ދިރާސާކުރެއްވި ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވީ ކޮމިޓީން ބިލް ދިރާސާކުރެއްވިއިރު އެއްވެސް ސިޔާސީ މަންފާއަކަށް ސިޔާސީ ޕާޓީއަކަށް ފައިދާވާނެ ގޮތަކަށް ބިލުގެ މައްސަކަތް ކޮށްފައި ނުވާނެކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮވެ ބޭނުންގޮތަކަށް ބިލުގެ މަސައްކަތް ކުރެވެން އޮތްނަމަވެސް އެވިސްނުމުގައި އެކަން ކޮށްފައިނުވާނެކަމަށެވެ.
އެމްޑީޕީން ބޭނުންވިނަމަ ކައުންސިލް އިންތިޚާބް ލަސްކުރުމުގެ އިޚްތިޔާރުވެސް އޮތްކަމަށާ، ނަމަވެސް އެމްޑީޕީގެ ވިސްނުންވެސް އަދި މުޅި ސަރުކާރުގެ ވިސްނުންވެސް ހުރީ އިންތިޚާބު ލަސްނުކޮށް ހުރިހާ ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް ފައިދާވާނެގޮތަކަށް ޤާނޫނު އިސްލާހުކުރުމަށް ކަމަށް ޢަލީ ނިޔާޒް ވިދާޅުވިއެވެ. އަދި ޤާނޫނަށް ގެނައި ބަދަލުތަކުގައި ވަކި ޕާޓީއަކަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބޭނެ ގޮތަކަށް ބަދަލު ގެނެސްފައި ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބިލުގައި އަންހެނުނަށް ޚާއްސަ ކޯޓާއެއް ކަނޑައަޅާފައިވާތީ މަޖިލީގެ ގިނަ މެމްބަރުންވަނީ އެކަމަށް މަރުޚަބާ ކިޔާފައެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ މިބަދަލު ޤާނޫނަށް ގެނައުމަކީ ރާއްޖޭގެ އަންހެންނުނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ތަނަވަސްވި ރަނގަޅު ފުރުޞަތެއްކަމަށެވެ. ދުނިޔޭގެ 43 ޤައުމުމެއްގައި މިހާރުވެސް އަންހެނުންނަށް ކޯޓާ ކަނޑައަޅައި އިންތިޚާބުތަކުގައި ވާދަކުރެވޭނެ މަގު ތަނަވަސް ކޮށްފައިވާކަަށް ރިޔާޒް ފާހަގަކުރެއްވިއެވެ. އަދި މިގެނައި ބަދަލުގައި ޤާނޫނުނު އަސާސީގެ 17 ވަނަ މާއްދާއާއި ޚިލާފް އެއްވެސް ކަމެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެކަމަށެވެ.
އަންހުންނަށް ކައުންސިލްތަކުގެ 33 އިންސައްތަ ޚާއްސަ ކޮށްފައިވާތީ އެކަމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވީ ރަށްރަށުގައި ގާއިމްވެ ތިބޭ 65 އިންސައްތަ މީހުންނަކީ އަންހެނުންކަމަށެވެ. ގާނޫނަށް ގެނައި ބަދަލަކީ ޤާނޫނީ ގޮތުން އަންހެނުންނަށް ލިބިދޭ ބާރުތައް އިތުރުވެ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު އިތުރުވެގެންދާނެކަމެއްކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ކައުންސިލަރުންގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 3000 މީހުންނަށްވުރެ މަދު އާބާދީތަކަށް 5 ކައުންސިލަރުން އަދި 3000 މީހުންނަށްވުރެ ގިނަ އާބާދީތަކަށް 7 ކައުންސިލަރުން އިންތިޚާބްކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސިޓީތަކަށް އިންތިޚާބްކުރެވޭ ކައުންސިލްތަކަށްވެސް އެތަނެއްގެ އާބާދީއަށްބަލައި ބަދަލުގެނައުމަށްވެސް ޤާނޫނުގައި ވަނީ ކަނޑައާޅާފައެވެ. ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.