ކުޅިވަރު

40 އަހަރުގެ ތެރޭގައި ބޫޓާން އަތުން ރާއްޖޭގެ ސީނިއަރ ޓީމެއް ފުރަތަމަ ފަހަރަށް ބަލިވެއްޖެ


13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިޖެއެވެ.

މިމެޗުން ރާއްޖެ ބަލިވުމާއިއެކު ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެއަށްވަނީ ގެއްލިފައެވެ. ގޭމްސްގައި ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން ސްރީ ލަންކާ އާއި ބަނގްލަދޭޝް އަތުން އެއްވަރުވެ ލިބިފައިވަނީ 2 ޕޮއިންޓެވެ. މުބާރާތުގެ ފަހު މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ކުޅެންޖެހޭނީ ނޭޕާލާއި ދެކޮޅަށެވެ.

ނޭޕާލާއި ދެކޮޅަށް ކުޅޭމެޗުން ރާއްޖެ މޮޅިވިޔަސް ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށްކުޑައެވެ. ފަހު މެޗުގައި ނޭޕާލް ބަނގްލަދޭޝް އަތުން މޮޅުވެ ނުވަތަ އެއްވަރުކުރިޔަސް ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ގްރޫޕްގައި 2 ޕޮއިންޓް ލިބިފައިވާ ސްރީލަންކާ ކުޅެން އޮތް 2 މެޗުން ނެރޭ ނަތީޖާއަކުންވެސް މުބާރާތުން ރާއްޖެއަށް ކުރިއަށްދިއުމުގެ ފުރުސަތު ބަންދުވާނެއެވެ.

ދެކުނު އޭޝިއާގެ އެންމެ ބަލި ޓީމުގެ ގޮތުގައި ލޭބަލްކުރެވިފައިވާ ބޫޓާން އަތުން ރާއްޖެ ބަލިވީނަމަވެސް މިމެޗުގައިވެސް ރާއްޖޭން މޮޅަށްކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. މުބާރާތުގައި ޓީމަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަކީ ގޯލްޖެހުުގެ މައްސަލައެވެ. ހަސަން ނާއިޒް (ދާދު) ހަސަން ރާއިފް އަޙްމަދު (ހަންނަ) އަދި ކެޕްޓަން އަކްރަމް ޢަބްދުލް ޢަނީއަށް ގޯލްޖަހަން ފުރުސަތުލިބި ވަނީ ބޭކާރުވެފައެވެ. ބޫޓާންގެ މިމޮޅަކީ ފާއިތުވި 40 އަހަރުގެ ތެރޭގައި އެޓީމަށް ރާއްޖޭގެ ސީނިއާ ފުޓުބޯޅަ ޓީމެއްގެއަތުން ހޯދުނު އެންމެބޮޑު ކާމިޔާބެވެ.

ރާއްޖެވަނީ ފާއިތުވީ 40 އަހަރުގެ ތެރޭގައި ބޫޓާނާ ދެކޮޅަށް ކުޅެ ތަފާތުބޮޑު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޭއެފްސީކަޕް ކޮލިފިކޭޝަންގައި ރާއްޖޭންވަނީ ބޫޓާން ކޮޅަށް 7 ލަޑު ޖަހާފައެވެ. ރާއްޖޭން އެންމެ ފުރަތަމަ ވާދަކުރި ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތުގައި 1984 ވަނަ އަހަރުގައި ބޫޓާން 1-0 އިން ބަލިކޮށްވަނީ ލޯ މެޑަލް ހޯދާފައެވެ.