ޚަބަރު

ކުޑަކުދިން ގޮވައިގެން މަގުމަތީގައި އުޅޭއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި


ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމު އުޅުމުގައި ޚާއްސަ ރައްކާތެރިކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ އުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި އަބަދުވެސް ކުޑަކުދިންގެ އަތުގައި ހިފައިގެން އުޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކުޑަކުދިން ގޮވައިގެން މަގުމަތީގައި ހިނގާފައި އުޅޭއިރު އަބަދުވެސް އެކުދިން ދުވާރުމަތިން ފާރާއި ގާތް ފަރާތުގައި ބޭތިއްބުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމުގެ އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައި ވަނީ މިއަދު މާލޭގެ ޗާންދަނީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ބެލެނެވެރިޔަކުނެތި އުޅުނު 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހުގައެވެ. ބެލެނެވެރިޔަކުނެތި މަގުމަތީގައި ހުރި މިކުޑަކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެވަގުތު އެސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ އެސްއޯ ފުލުހުންނެވެ. އެކުއްޖާ މިހާރު ވަނީ ބެލެވެރިޔާ އާއި ހަވާލުކޮށްފައެވެ.

މިދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރަށް ވުމާއި އެކު ގިނަ އަދަދެއްގެ މީހުން މާލެއަށް ޗުއްޓީގަ އާއި އެކިއެކި ބޭނުންތަކުގައި އަންނަމުންދާ ދުވަސްވަރެކެވެ. މާލޭގެ މަގުތަކަކީ ދުއްވާ އެއްޗިހިގިނަ އަދި ކާރޫބާރު ބޮޑު ތަނަކަށްވުމުން، ހިނގާމީހުންނާއި މާލެއަށް އަންނަ މީހުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އެދިފައި ވެއެވެ.