އަންނަ އަހަރަށް ލަފާކޮށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ ތެރެއިން 77 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
އަންނަ އަހަރަށް ލަފާކޮށް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅުއްވި 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.
ބަޖެޓަށް އިތުރުކުރި 366 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ ޕްރޮގްރާމުތަކަށާއި އޮފީސްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރުކޮށްފައިވާ ފައިސާއެވެ. މި ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ ޓީބިލް ވިއްކައިގެންކަމަށް ބަޖެޓު ދިރާސާކުރި ކޮމިޓީގައި މަޝްވަރާކޮށްފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓްގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 5.7 ބިލިއަން ރުފިޔާއިންކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަކަމަށްވެސް ފިނޭންސް މިނިސްޓްރީން ހުށައެޅި ބަޖެޓްގައި ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލެއްގެމަތިން ޖަޒީރާ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ ވަނީ ބަޖެޓު ހުށައަޅުއްވަމުން ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ތަރައްޤީ ކަށަވަރުކުރެވޭނެ ފުރަތަމަ ބަޖެޓްކަމަށް ބަޖެޓް ބަހުސް މަރުހަލާގައި މެންބަރުން ވިދާޅުވެފައިވެއެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނޭކަމަށް ސަރުކާރުންވެސް ވަނީ ހާމަކުރައްވާފައެވެ.