ދީބާޖާ އިންވެސްޓްމަންޓަށް ދައުލަތުން ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމި ނިންމުން މަޑުޖައްސާލައި އެ މައްސަލަ ސުޕްރީމް ކޯޓްގައި މުރާޖަޢާކުރަން ދެންނެވުމަށް ބަނޑާރަ ނާއިބަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައި ވަނީ، މި މައްސަލަ ދިރާސާކުރި މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި 65 މެމްބަރުންގެ ވޯޓުންނެވެ.
މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓިން ވަނީ މި ބަދަލު ދިނުމުގައި ހިމެނޭ ސެޓްލްމަންޓް ކޮމިޓިގެ މެންބަރުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. މި މައްސަލާގައި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކޮމިޓީއަށް ޙާޒިރުކޮށް މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.
ކޮމިޓިގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބު ވިދާޅުވެފައި ވަނީ ދީބާޖާއަށް ބަދަލު ދޭންޖެހޭ ކަމަށާއި، އެ މައްސަލަ މުރާޖާޢާކޮށްގެންވެސް ސަރުކާރަށް ކާމިޔާބުވުމުގެ ފުރުޞަތު ހަނިކަމަށެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ރައީސް އުފެއްދެވި ސެޓްލްމަންޓް ކޮމިޓިން ވަނީ ނިންމާފައެވެ.
ދީބާޖާއަށް މިހާތަނަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާ ދީފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދާދި ފަހުން ވަނީ ވިދާޅުވެފައިއެވެ.