ޚަބަރު

މިނިވަން ކަމުގެ ގަލަމުގެ ނަމޫނާއެއް ނެރެފި


ނަވާރަ ސަތޭކަ ފަސްދޮޅޮސް
ފަސް ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ކުރީގެ ބޮޑު
ވަޒީރު އިބްރާޙީމް ނާސިރު ސޮއިކުރެއްވި ގަލަންކޮޅުގެ ނަމޫނާ ގަލަމެއް މިއަދު ތައާރަފްކުރައްވައިފިއެވެ.



 



ނަމޫނާ ގަލަން ތައާރަފްކޮށްދެއްވީ
ނިޝާން އިއްޒުންދީންގެ ވެރިޔާ އަދި މި ގަލަމުގެ އަސްލު މިވަގުތު އެފަރަތާއްގެ
އަތްޕުޅުގައިވާ އަބްދުއްސައްތާރު މޫސާ ދީދީއެވެ.



 



މިނިވަންކަމުގެ
އެއްބަސްވުމުގައި ސޮއިކުރެއްވި ގަލަމުގެ ނަމޫނާ ގަލަން އުފައްދާ ތައާރަފްކުރުމުގެ ވިސްނުމަކީ
އަލީ ޚާލިދުގެ ޚިޔާލެކެވެ. ގަލަން ތައާރަފްކުރުމުގެ ބޭނުމަކީ ދިވެހިރާއްޖެއަށް
ލިބިފައިވާ މިނިވަންކަމުގެ އަގު ވަޒަންކޮށް މިނިވަންކަމުގެ ލޯބި ދިވެހި ދަރީންގެ
މެދުގައި ޚާއްސަކޮށް ޒުވާނުންގެ މެދުގައި އާލާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ މިނިވަންކަން ލިބުނު ލިޔުމުގައި ސޮއިކޮށްފައިވާ ގަލަމަކީ ކޮންމެ
ދިވެއްސަކުވެސް ފަޚްރުވެރިވާނެ ތަރިކައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި
ގަލަން އުފެއްދުމުގައި ބޮޑަށް ބަލާފައިވާނީ އާންމުކޮށް ލިޔުމުގެ ބަދަލުގައި
ޑެކަރޭޝަން ޕީސްއެއްގެ ގޮތުގައި ބަހައްޓާ ގޮތަށް ކަމަށެވެ.



 



ނަމޫނާ ގަލަން ނެރެދެއްވާ
ވާހަކަފުޅުދައްކަވަމުން ނިޝާން އިއްޒުންދީންގެ ވެރިޔާ އަބްދުއްސާރު މޫސާ ދީދީ
ވިދާޅުވީ، މިނިވަންކަމުގެ ލިޔުމުގައި ސޮއިކުރެއްވުމަށްފަހު ބޮޑު ވަޒީރު އިބްރާޙީމް
ނާސިރު އެމަނިކުފާނާ ގަލަން ދެއްވާފައިވަނީ ހަދިޔާއެއްގެ ގޮތުގައި
ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ މިހާހިސާބަށްވެސް ފަރުވާތެރިކަމާއެކު
އެގަލަންކޮޅު ބަލަހައްޓަވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ
މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބާޔާ ދިމަކޮށް، އެފަދަ ގޮތަކަށް ނަމޫނާ
ގަލަމެއް ތައާރަފްކުރެއްވީތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.



 



މިރަސްމިއްޔާތުގައި
ވާހަކަފުޅުދަައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އުމަރު ނަސީރު ވިދާޅުވީ،
މިނިވަންކަމުގެ ލިޔުމުގައި ސޮއިކުރެއްވި ގަލަން ފަރުވާތެރިކަމާއެކު މިއަދާ
ހަމަޔަށް ބަލަހައްޓަމުން އައިސްފައިވާތީ އަބްދުއްސާރު މޫސާ ދީދީއަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އަދި ރާއްޖެއަށް މިނިވަންކަން ލިބުނު ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ،
މިނިސްޓަރ ވިދާޅުވީ، މިނިވަކަން ކަމުގެ ލިޔުމުގައި ސޮއިކުރި ގަަލަމަކީ އޭގައި
ތާރީޚީ ދެ ޙާދިސާއެއް އެކުލެވޭ ގަލަމެެއްކަމަށެވެ.



 



ސައްބީސް ޖުލައި ނަވާރަސަތޭކަ
ފަސްދޮޅޮސް ފަސްވަަނަ އަަހަރު ރާއްޖެއަށް މިނިވަންކަން  ލިބުނު ކަމުގެ ލިޔުމުގެ ސޮއިކުރި ގަލަމާއި
މިއަދު ތައާރަފްކުރި ނަމޫނާ ގަލަމުގެ ތަފާތަކީ އަސްލު ގަލަމުގެ ދޯރީގައި '' ޕާކަރު
'' މިހެން ލިޔެފައި އޮތްތަނުގައި '' ފިފްޓީ އިޔަރސް ''  ޖަހާފައި އޮތުމެވެ. މިގަލަން ނޮވެލްޓީ
ބުކްޝޮޕުންނާއި ނޮލެޖު ބުކްޝޮޕްއިން މިއަދުން ފެށިގެން 250 ރުފިޔާއަށް ލިބެން ހުންނާނެއެވެ.