ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގެ މާކެޓްތަކުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ނަމުގައި ކެމްޕެއިންއެއް ފަށައިފިއެވެ.
މި ކެމްޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑުގެ މެންބަރުންނަށް ހާއްސަ އޮފަރތަކާއި ތަފާތު ތަޖްރިބާކޮށްލުމުގެ ފުރުސަތުތަކާއެކު ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމެވެ.
މި ކެމްޕެއިން ރަސްމީކޮށް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމް.އެމް.ޕީ.އާރު.ސީ) އިން ވަނީ މި ކެމްޕެއިން އެންޑޯޒްވެސްކޮށްފައެވެ.
މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި އަދި ރާއްޖޭގެ ބައެއް ވިޔަފާރިތަކުން ލިބޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ ބޭންކުގެ އުންމީދަކީ މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައުންކަމަށެވެ. އަދި މި ކެމްޕޭންއަށް އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކަށް ޓިމް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
'އެކްސްޕީރިއަންސް މޯލްޑިވްސް' ތައާރަފްކުރުމާއި ގުޅޭގޮތުން އެމެރިކަން އެކްސްޕްރެސްގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސަރވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްކަމަށެވެ. އަދި މި ޕާރޓްނާޝިޕްގެ ދަށުން ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވާ އެހީތެރިވުމަށް އެ ކުންފުނިން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ބީއެމްއެލްއިން މި ކެމްޕެއިން ކުރިއަށްގެންދާ ދެވަނަ ފަހަރެވެ. މި ކެމްޕެއިންގެ ފުރަތަމަ އަހަރުވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ބޭންކުން ބުނެއެވެ.