ދީން

ފަތިސްނަމާދުގެ މަތިވެރި ދަރުމަޔާއި ސަވާބު ބޭނުންތަ؟ އަވަހަށް މިކަންކުރޭ


ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުގެ އިތުރުން ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުމާއި ފަތިސް ނަމާދުގެ ފަހުން ޒިކުރު ކުރަން އިނުމަކީ ނުހަނު މަތިވެރި ދަރުމަޔާއި ސަވާބު ލިބޭ ކަންކަން ކަމުގައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅުތަކުން ސާބިތުވެއެވެ. އެހެންކަމުން ފަތިސްނަމާދާ ގުޅިގެން ކުރެވޭ ތަފާތު އަޅުކަންތަކުން ލިބޭ މަތިވެރި ދަރުމަޔާއި އަޖުރުގެ މަތިން ގިނަގިނައިން ހަނދާން ކުރާނަމަ، ފަތިސްނަމާދު ކުރުމަކީ ތިމާގެ ކަށީގައި ހިފާފައިވާ އާދައަކަށް ހެދުމަކީ ނުހަނު ލުއިފަސޭހަ ކަމެކެވެ. ފަތިސްނަމާދު ކުރުމަކީ އާދަޔަކަށް ހަދަން އެދޭނަމަ އެކަމަށް ބޭނުންވަނީ ވަރުގަދަ ޢަޒުމަކާއި ކުޑަކުޑަ ހިތްވަރެކެވެ.

ވުޟޫކުރުން

ފަތިސްނަމާދާ ގުޅުންހުރި ތަފާތު އެކި އަޅުކަންތަކުން ލިބޭ މަތިވެރި ދަރުމަޔާއި ސަވާބު ޙާޞިލު ކުރުމަށް ބޭނުންވާނަމަ އެންމެ ފުރަތަމަ ކުރެވިދާނެ އެއްކަމަކީ، ނިދުމުގެ ކުރިން ވުޟޫކުރުމެވެ. މިކަން ބަޔާން ކުރައްވައި އަލް އިމާމް ބުޚާރީ ރިވާކުރެއްވި، ކީރިތި ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ، " ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތް ފަރާތަށް ވާގޮތަށް އޮށޯވެ އޮންނާށެވެ.” މިފަދައިން ވުޟޫ ކޮށްގެން ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުން އެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެ ކަމަށް ނަބަވީ ބައެއް އިރުޝާދުތަކުން ސާބިތުވާ ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

ޒިކުރުތައް ކިޔުން

ވުޟޫ ކުރުމަށްފަހު ކުރެވިދާނެ އަނެއް ކަމަކީ ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތައް ކިޔުމެވެ. ޒިކުރުތަކުގެ އިތުރުން އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއި އިޙްލާސް، ފަލަޤި، ނާސި ސޫރަތް، ކޮންމެ ސޫރަތެއް ތިން ފަހަރު ކިޔުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވަވާފއެވެ.
ކީރިތި ޤުރުއާނުން އިސްވެ ބަޔާންކުރެވުނު ބައިތަކާއި ޒިކުރުތަކަށްފަހުވެސް ނިދިނާންނަ ނަމަ ދެން ކުރެވިދާނެ އަނެއް ކަމަކީ ނިދަން އޮށޯވެ އޮވެގެންވެސް ﷲ އަށް ދުޢާ ދެންނެވުމެވެ. މާތް ﷲއަށް ގިނަ ގިނައިން ދުޢާ ކުރުމަށް އެކަލާންގެ އެދިވޮޑިގަންނަވައެވެ. އަދި ތެދުވެރި އީމާންތެރި މުސްލިމުންގެ ދުޢާއަކީ އެއިން ހީވެސް ނުކުރާފަދަ މަތިވެރި ނަތީޖާތަކާ ހަމައަށް ވާޞިލު ކޮށްދޭނެ ކަމެކެވެ.

މިކަން ބަޔާންކުރައްވާ ކީރިތި ޤުރުއާނުގެ ޣާފިރު ސޫރަތުގެ ފަސްދޮޅަސްވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ “އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އިލާހަށް ދުޢާކުރާށެވެ! ތިމަން އިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.” އެހެންކަމުން ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ޖަމާޢަތުގައި ކުރުމުގެ ތައުފީޤް ދެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ގިނަގިނައިން ދުޢާ ކުރުމަކީ މިފަދަ ދުޢާއެއް އިޖާބަ ކުރެއްވިއްޖެނަމަ މިކަމަށް ކޮށިގެންދާނެ ދާއިމީ ސާފު ތެދުމަގަށް ވާނެކަން ސާފު ހިތަކާއިއެކު ތެދުކޮށް ޤަބޫލު ކުރުން މުހިންމެވެ.

ފާފަތަކުން ދުރުހެލިވުން

ޖަމާޢަތުގައި ފަތިސްނަމާދު ކުރަންއެދޭ މީހާއަށް ކުރެވިދާނެ އަނެއް ކަމަކީ ފާފަތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ. މިކަން ބަޔާން ކުރައްވާ ކީރިތި ޤުރުއާނުގެ ޝޫރާ ސޫރަތުގެ ތިރީސްވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ، " ތިޔަބައިމީހުންނަށް ޖެހޭ ހުރިހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަފާފަތައް عفو ކުރައްވަތެވެ.” އެހެންކަމުން ހެޔޮލަފާ ޞާލިޙު ޢަމަލުތައް ކުރުމުގެ ތައުފީޤު ނުލިބުމަކީ ތިމާއަށް ކުރެވޭ ފާފަތަކުގެ ނޭދެވޭ އަސަރުތަކުގެ ނަތީޖާއަށް ވެދާނެތީ އެކަމުން ރައްކާތެރިވާންޖެހެއެވެ.

އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރި. “ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟” ޖަވާބުގައި އަލް އިމާމް އަލްހަސަނުލް ބަޞަރީ ވިދާޅުވި ބަސްފުޅުގެ މާނައީ " ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުން ހައްޔަރުކުރީއެވެ.” މި ބަސްފުޅުގެ މުރާދަކީ އެބައިމީހުންގެ ފާފަތަކުގެ ސަބަބުން އެބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤް ނުލިބެނީ ކަމުގައެވެ. އެހެންކަމުން ހެޔޮ ޢަމަލުތައް ކުރަން އެދޭނަމަ، އަދި އެފަދަ ހެޔޮ ޢަމަލުތަކުގެ ދަރުމަޔާއި ސަވާބު ގިނަ ގިނައިން ލިބެންއެދޭނަމަ ނުބައި ކަންކަމާ ދުރުހެލިވެ ރައްކާތެރި ވުމާއެކު ހެޔޮ ޢަމަލުތަކާ ގާތްވާން ޖެހެއެވެ.

ނިދާ ގަޑި އަވަސްކުރުން

މި ކަންކަމުގެ އިތުރުން ފަތިސްނަމާދަށް ހޭލަން އުނދަގޫވާނަމަ ނިދާ ގަޑި އަވަސްކުރުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ. ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްވުމަށް ދިމާވާނެ ހަމައެކަނި މަޤްބޫލު ދެ ޢުޛުރު ނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން އެހާ ގާތްވެފައި ވަނިކޮށް ގަޞްދުގައި ނިދައިފިނަމަ ނުވަތަ ފަތިސްނަމާދަށް ފަރުވާ ކުޑަކޮށް، ނަމާދަށް ހޭލުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކޮށް ސަބަބުތަކުގައި ނުހިފައި ނިދުމަކީ ފާފަވެރި ވާނެކަމެކެވެ. އެހެންކަމުން ނިދާގަޑި އަވަސް ކޮށްފިނަމަ ނިދި ހަމަކޮށް ހޭލާގަޑި އަވަސްވެގެން ދާނެއެވެ.

އެއްދުވަހަކު ފަތިސްނަމާދު ނުކޮށް އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ، ކީރިތި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އެމީހާގެ ދެކަންފަތަށް ޝައިޠާނާ ކުޑަކަމުގޮއްސިއެވެ". އެހެންކަމުން އިންސާނުންގެ ލޯތަކަށް ނުފެންނަ މިފަދަ ނިކަމެތި އެތައް ކަމަކުން ރައްކާތެރިވުމަށާ، ފަތިސްނަމާދާ، އެނަމާދާ ގުޅިފައިވާ އެންމެހާ އަޅުކަންތަކުން ލިބިދޭ މަތިވެރި ގިނަގުނަ ދަރުމަޔާ ސަވާބަށް ޝައުޤުވެރިވާނަމަ، ފަތިސް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލުތައް ބައްޓަން ކުރުމަކީ ނުހަނު މުހިއްމު ކަމެކެވެ.

އެގޮތުން އެންމެހާ މުސްލިމުން އެ މާތް ޝަޚުޞިއްޔަތަކީ ނަމޫނާ ކަމުގައި ބަލަންޖެހޭ ލޮބުވެތި މާތް ރަސޫލާ صلى الله عليه وسلم ޢަމަލުފުޅުން ދެއްކެވި ނަމޫނާއަކީ އަދި އެކަލޭގެފާނުގެ ސުންނަތަކީވެސް ނިދާ ގަޑި އަވަސްކޮށްގެން ހޭލާ ގަޑި އަވަސްކުރުމެވެ. މިކަން ބަޔާންކުރައްވާ އުއްމުލް މުއުމިނީން ޢާއިޝާ رضي الله عنها ގެ އަރިހުން އަލް އިމާމް މުސްލިމް ރިވާކުރެއްވި ޙަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ " އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.” އެހެންކަމުން މި ނަމޫނާގައި ހިފިއްޖެނަމަ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވެގެން ދާނެކަމާމެދު ޝައްކެއް ނެތެވެ.

މި ހުރިހާ ކަމެއް ކުރުމުންވެސް ފަތިސްނަމާދަށް ހޭ ނުލެވޭނެހެން ހީވާނަމަ، ނަމާދަށް ގޮވައި ހޭލެއްވުމަށް އެހެންމީހެއްގެ އެހީތެރިކަން ހޯދިދާނެއެވެ. މިކަމަށް ބާރު އަޅުއްވާ ކީރިތި ﷲ ތަޢާލާ އެ އިލާހުގެ ކަލާމްފުޅުގެ އަލް މާއިދާ ސޫރަތުގެ ދެވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ " އަދި ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމިހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ". ހަމަ މިފަދަ މޭރުމަކުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ “އެއް މުއުމިނަކު އަނެއް މުއުމިނެއްގެ މިޘާލަކީ އެކަތި އަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ.:

މާތް ﷲގެ ޙަޟުރަތުގައި އެންމެ މާތް ނަމާދަކީ ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދު ކަމުގައި ބަޔާން ކުރައްވާ މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ރިވާކުރެއްވި ޙަދީސް ބަސްފުޅެއްގެ މާނައިގައި ވަނީ، ކީރިތި ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.”

އަލް އިމާމް މުސްލިމް ރިވާކުރެއްވި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ، “ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”

ހަމަ މި މޭރުމުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމުގައި އަލް އިމާމް މުސްލިމް ރިވާކުރެއްވި ޙަދީސެއްގެ މާނައިގައި ވަނީ “ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅި ރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ.”

އައް ތިރުމިޒީ ރިވާކުރެއްވި، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ “ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު، އިރުއަރަންދެން މާތް ﷲގެ މަތިން ހަނދުމަކޮށް ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަކުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ.”

މީގެ އިތުރުން އަލް އިމާމް މުސްލިމް ރިވާކުރެއްވި މާތް ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘް ބަސްފުޅެއްގެ މާނައީ، " ފަތިސްނަމާދުކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ.".