ރާއްޖެއާއި ސައޫދީޢަރަބިއްޔާ އާއިއެކު ވެފައިވާ ސިއްހީ ދާއިރާގެ އެއްބަސްވުމަށް އަމަލުކުރުމަށް ސަޢޫދީ ކެބިނެޓުން ރުހުންދީފިއެވެ.
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު މިއަހަރުގެ މާޗް މަހު، ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން އެކުލަވާލި އެއްބަސްވުމަށް އަމަލުކުރުމަށް ސަޢޫދީ ކެބިނެޓުން ރުހުންދީފިއިވަނީ އިއްޔެ ޖިއްދާގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަޢޫދީ ޢަރަބިއްޔާ ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން އަލްސަޢޫދު ވަނީ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް އަލް އުތައިމީން އާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ރާއްޖެއިން ސައުދީއަރަބިއްޔާއާއިއެކު ސޮއިކޮށްފައިވަނީ، ޑަބްލިއުއެޗްއޯގެ ބައްދަލުވުމަކަށް މިއަހަރު މާރިޗުމަހު ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިއެއްބަސްވުމުގައި ސައުދީއަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހެލްތް މިނިސްޓަރ ޑރ. ތަޢުފީޤް އަލް ރަބިއްޔާއެވެ. މި އެއްބަސްވުމުގެ ދަށުން ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބިނާކުރުމާއި، ރާއްޖޭގެ ސިއްޙީ ޚިދުމަތްތަށް ދޭ ތަންތަން ހަރުދަނާކުރުމަށް އެހީވުމަށް ވަނީ ހަމަޖެހިފައެވެ.