އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ފަރާތްތައް ދޫކޮށްލުމަށް އެދި އެކި ފަރާތްތަކުން އަބަދުވެސް ޕްރެޝަރު ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޒަމާނުއްސުރެ އޮތް ނުރަނގަޅު ސަގާފަތްކަމަށެވެ. ވަކިން ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙައްލުތަކެއް ނުލިބިގެންދަނީ މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރެވޭ ފަރާތްތައް ދޫކޮށްދިނުމަށް ކުރެވެމުންދާ ޕްރެޝަރުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންދޫކޮށްލަނީ ގިނަފަހަރަށް ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލުކުރުމަށްކަމަށެވެ. އެގޮތުން އިންތިޚާބްތަކާއި ދިމާކޮށް އެޢާއިލާތަކުގެ ވޯޓް ހޯދުމަށް ކުއްވެރިން ދޫކުރުމުގެ ސަގާފަތަކީ ރާއްޖޭގައި އޮތް ސަގާފަތެއްކަމަށެވެ. އަދި މިއަދު އެމަނިކުފާނަށްވެސް މި ޕްރެޝަރު ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ވަރަށްގާތް މީހުންނާއި އެކިއެކި ބޭފުޅުން މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ދޫކޮށްލުމަށް އެދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމުގައި ޝާމިލުވާ އެއްވެސް މީހެއް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި އެކަމުގައި އެއްވެސް ބޭފުޅަކު އެއްވެސް ރިކުއެސްޓެއް ނުކުރެއްވުމަކީވެސް ވަރަށްބޮޑު އެދިވަޑައިގެންނުވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މައްސަލަތަކުގައި ޝާމިލުވާ މީހުން ދޫނުކޮށްލައިގެން ބައެއް ގާތްމީހުން ވަރަށްބޮޑަށް ހިންހަމަނުޖެހުން ފާޅުކޮށްފައިވާކަމަށާ، ނަމަވެސް އެކަން ކޮށްދެވޭނެ އެއްވެސް ޙާލަތެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް ކުރެވޭ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނިމިދިޔަ ދުވަސްތަކުގައި ބޭރުގެ އެކި ޤައުމުތަކުން ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އެއާއިގުޅުންހުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގެންގޮސްފައެވެ.