ލަނޑާނަގާ ދޯންޏެއްގައި ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީ ކަނޑަށް އެއްލާލުމުގައި ބައިވެރިވީ އެ ދޯނީގަިއ ތިބި މީހުންގެ ތެރެއިން އެކަކު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މަރާމާރީއެއް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައިވަނީ ރ.މަޑުއްވަރި ފެހި އަލި، އިސްމާޢީލް ޙައްމާދެވެ. މިނާއަށް ލިބިފައިވާ ޒަހަމްތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.
ލަނޑާ ނަގާ ދޯނީގައި ހިނގި މާރާމާރީއާއި ގުޅޭގޮތުން ރައްޔިތުން މަޖލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޒަހަމްވި ޒުވާނާއަށް ހަމަލާދީފައިވަނީ ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކުކަމަށާއި އެކަން ހިނގި ވަގުތު ދޯނީގައި ދެން ތިބި މީހުން ތިބީ ނިދާފައިކަމަށެވެ. އަދި ހަމަލާދިން މީހާ ހައްޔަރުކޮށް މައްސަލަ ތަހްޤީގު ކުރަމުންދާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަތަކާއި ގުޅިގެން ބައެއް މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ދޯންޏެއްގައި އެވަރު ކަމެއް ހިނގާއިރު ދެން ތިބި ފަޅޫވެރިންނަށް ނޭގޭކަމަށް ބުނާ ބުނުން ޤަބޫލުުކުރެވޭކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލާފައި އޮއްވާ ފަތާފައި ގޮސް އއ.މާޅޮހަށް އެރި އިސްމާޢީލް ޙައްމާދަށް ހަމަލާދިން ޢުމުރުން ތިރީސް އަހަރުގެ މީހާގެ ބަންދަށް އއ.ރަސްދޫ ކޯޓުން ވަނީ މިމަހުގެ 24 ވަނަ ދުވަހު 10 ދުވަސް ޖަހައިދީފައެވެ.
މިމައްސަލާގައި ޝާމިލްވާ ޙައްމާދާއި، އޭނާއަށް ހަމަލާދިން މީހަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުންނެވެ. ހައްމާދަށް ހަމަލާދިން މީހަކީ ސޫރިޔާގެ ހަގުރާމަޔަށް ދާން އުޅެނިކޮށް ސްރީ ލަންކާމަގުން ހިފަހައްހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށްވެއެވެ.