ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ އެންމެ ބޮޑު ދޮރޯއްޓަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތަކެއްކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ ވިޔަފާރީތަކުގެ %93އަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައްކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ ރަޖިސްޓްރީނުކޮށް ހިންގާ މިފަދަ ވިޔަފާރިތައް އަދި މާގިނަކަމަށާ، މި ވިޔަފާރިތައް ހުރިހާ އަތޮޅެއްގެ ހުރިހައި ރަށެއްގައި ހިންގާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ އެންމެ ފުޅާ ދޮރޯއްޓަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަށްކަމަށް ރައީސް ވިދާޅުވިއެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ރާއްޖޭގެ އިޤްތިޟާދުގައި އެކަށީގެންވާ ގޮތެއްގައި ޝާމިލްނުކުރެވޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ ރަޖިސްޓްރީނުކޮށް ހިންގާ އެބާވަތުގެ ވިޔަފާރިތަށް އަދި މާގިނަ. މިދެންނެވި ބާވަތުގެ ވިޔަފާރިތަށް ރާއްޖޭގެ ހުރިހައި އަތޮޅެއްގެ ހުރިހައި ރަށެއްގައި އެބަހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ އެންމެ ފުޅާ ދޮރާއްޓަކީވެސް މިދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް." ރައީސް ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ރާއްޖޭގައި ގިނަ ނަމަވެސް މިފަދަ ވިޔަފާރިތަށް ކުރިއެރުވުމުގައި ގިނަ ހުރަސްތަކެއް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި މިފަދަ ވިޔަފާރިތަކަށް ލޯނު ލިބުމުގައި ހުރި ގޮންޖެހުން ފާހަގަކޮށްލެވެއެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނުއްވައިގެން ވަނީ މިފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެގޮތް ފަހިކޮށްދެވުމަށް އެސްއެމްއީ ބޭންކެއް އުފައްދަވާފައެވެ.