މާތް ﷲ ރުއްސުން ލެއްވި ސަލްމާން ފާރިސީ ރަޟިޔަﷲ ޢަންހް އާއި އަބުއްދަރުދާއު ރަޟިޔަﷲ ޢަންހް އާއި ދެ ބޭކަލުން އަޚުކުރެއްވުނު. އޭގެފަހުގައި މި ދެބޭކަލުންގެ ދެމެދުގައި އެއްބަނޑު އެއްބަފާކަމުގެ ވަރަށް މަތިވެރި އަޚުވަންތަކަމެއް އުފެދިގެންދިޔައެވެ. މިކަން ބަޔާންކުރައްވައި އަބޫ ޖުހައިފާ ރިވާކުރެއްވި. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބުއްދަރުދާގެފާނާއި ސަލްމާނުލް ފާރިސީ އާއި ދެބޭކަލުން އަޚުކުރެއްވިއެވެ.
އެއްފަހަރެއްގައި ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހް އަބުއް ދަރުދާ ރަޟިޔަﷲ ޢަންހްގެ ގެކޮޅަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އުއްމު ދަރުދާ ނުވަތަ އަބުއްދަރުދާގެ އަނބިކަނބަލުން ވަރަށް ބާ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވި ތަން ދެކެވަޑައިގެން އެކަމަނާ އެހާ ނިކަމެތި ޙާލުކޮޅެއްގައި ހުންނެވީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ.
އެހެނަސް އޭގެ ޖަވާބުގައި ސަލްމާންގެފާނުގެ އަރިހުގައި އެކަމާ ޝަކުވާ ދެންނެވުމުގެ ބަދަލުގައި އެކަމަނާ ވިދާޅުވި. "ތިބާގެ އަޚާ އަބުއްދަރުދާ މި ދުނިޔޭގެ (ޒީނަތްތެރިކަމަށް) އެއްވެސް ސައުޤުވެރިކަމެއް ނެތެވެ." ހަމަ އެވަގުތު އަބުއްދަރުދާ ރަޟިޔަﷲ ޢަންހް ވަޑައިގެންފިއެވެ. އަދި އަނބިކަނބަލުންނާ އެކު ދެބޭފުޅުންވެގެން އެ ގެއަށް ޒިޔާރަތް ކުރެއްވި އަބުއްދަރުދާ ގެފާނުންގެ އަޚް ސަލްމާން ގެފާނަށް ފަރިއްކޮޅު ތައްޔާރު ކުރައްވައިފިއެވެ. އެވަގުތު ސަލްމާނު ރަޟިޔަﷲ ޢަންހް އެކަލޭގެފާނާއި އެކުގައި ފަރިއްކުޅުއްވަން ވަޑައިގަތުމަށް އަބުއްދަރުދާ ރަޟިޔަﷲ ޢަންހްގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އެހެނަސް އަބުއްދަރުދާ ރަޟިޔަﷲ ޢަންހް އެކަލޭގެފާނު ހުންނެވީ ރޯދަފުޅަށް ކަމަށް ވިދާޅުވެ ޢުޒުރުވެރިވެ ވަޑައިގެންނެވިއެވެ.
އެހެން ނަމަވެސް ސަލްމާން ރަޟިޔަﷲ ޢަންހް ހުންނެވީ އެ ޖަވާބަށް ރައްދު ދެއްވުމަށް ތައްޔާރަށްކަމުން ވިދާޅުވިއެވެ. " ކަލޭގެފާނުން ފަރިއްނުކުޅުއްވާނަމަ އަހުރެންވެސް ނުކާނަމެވެ." އެހެންކަމުން ތައްޔާރު ކޮށްފައިވާ ކެއުމަށް ސަލްމާންގެފާނު ގިނިކަންޏާ އިންސާފު ނުކުރައްވާނެކަން ޔަޤީންވެލެއްވުމުން ރޯދަފުޅު ދޫކޮށްލެއްވުމަށްފަހު އަބުއްދަރުދާ ރަޟިޔަﷲ ޢަންހް ސަލްމާނު ރަޟިޔަﷲ ޢަންހްއާއި އެކު ފަރިއްކުޅުވައިފިއެވެ.
އަދި އެގޭގައި އެރޭ މަޑުކޮށްލެއްވުމަށް އިޒުނަފުޅު ހޯއްދަވައިގެން މަޑުކުރެއްވުމަށް ނިންމެވިއެވެ. ދެން ރޭގަނޑުވެ ރޭގަނޑުން ބައެއް ފާއިތުވުމުން އަބުއްދަރުދާ ރަޟިޔަﷲ ޢަންހް އަވަހާރަފުޅަށް އޮންނަވާފައި ތެދުވެވަޑައިގެން ދަމުނަމާދު ކުރެއްވުމަށް ތައްޔާރުވުމުން ސަލްމާން ގެފާނުވެސް ތެދުވެ ވަޑައިގެންނެވިއެވެ. އަދި ދަމުނަމާދަށް މާ އަވަސްކަމަށް ވިދާޅުވެ އަދި އިރުކޮޅެއްގައި އަވަހާރަފުޅު ލެއްޕެވުމަށް ސަލްމާން ގެފާނު އަބުއްދަރުދާ ގެފާނުންގެ އަރިހުން އެދިވަޑައިގަތުމުން ސަލްމާންގެފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް އަލުން އަވަހާރަފުޅު ލެއްޕެވިއެވެ. މިހެން އަވަހާރަފުޅު ލައްޕަވަނިކޮށް ރޭގަނޑުގެ ދަން ދެބައިވާން ކައިރިވެފައި ވަނިކޮށް އަބުއްދަރުދާ ރަޟިޔަﷲ ޢަންހް އަނެއްކާވެސް ތެދުވެވަޑައިގެން ދަމުނަމާދު ކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަނިކޮށް ސަލްމާނުގެފާނަށް ހޭފުޅު ލެއްވެވިއްޖެއެވެ. އަދި އަބުއްދަރުދާ ރަޟިޔަﷲ ޢަންހްގެ އަރިހުން އަދިވެސް އަވަހާރަފުޅު ލެއްޕެވުމަށް ސަލްމާން ރަޟިޔަﷲ ޢަންހް އެދިވަޑައިގެންނެވިއެވެ.
މިފަހަރުވެސް ސަލްމާންގެފާނުގެ އެދިލެއްވުމަށް ދެކޮޅު ހެއްދެވުމެއްނެތި އަބުއްދަރުދާ ރަޟިޔަﷲ ޢަންހް އަނެއްކާވެސް އަވަހާރަފުޅު ލައްޕަވައިފިއެވެ. ދެން ރޭގަނޑުގެ ފަހު ދަމަށް އެޅުމުން ސަލްމާނުގެފާނު އަބުއްދަރުދާ ރަޟިޔަﷲ ޢަންހަށް ގޮވާލައްވައި އެކަލޭގެފާނު ހޭފުޅު ލެއްވުމުން ސަލްމާންގެފާނާއި އެކުގައި ދަމުނަމާދު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދެ އަޚުން އެކުގައި ދަމުނަމާދު ކުރައްވައިފިއެވެ.
އެއަށްފަހު އަބުއްދަރުދާ ރަޟިޔަﷲ ޢަންހްގެ އަރިހުގައި އެކަލޭގެފާނުގެ އަޚު ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހް ދެންނެވި. " ތިބާގެ ވެރި އިލާހުގެ މައްޗަށް ތިބާއަށް ހައްޤުތަކެއްވެއެވެ. އަދި ތިބާގެ ފުރާނައިގެ މައްޗަށް ތިބާގެ ހަށިގަނޑަށްވެސް ހައްޤުތަކެއް ވެއެވެ. އަދި ތިބާގެ ޢާއިލާގެ މައްޗަށް ތިބާއަށްވެސް ޙައްޤުތަކެއް ވެއެވެ. އެހެންކަމުން އެހުރިހާ ފަރާތްތަކެއްގެ މައްޗަށް ތިބާގެ ކޮނޑުގައި އެޅިފައިވާ ޙައްޤުތައް ތިބާ ފުރިހަމައަށް އަދާކުރައްވަން ވާނެއެވެ."
ދެން އަބުއްދަރުދާ ރަޟިޔަﷲ ޢަންހް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ސަލްމާނު ރަޟިޔަﷲ ޢަންހް އެރޭ ކަންތައް ކުރެއްވި ގޮތާއި، ވިދާޅުވި ބަސްފުޅުތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދަންނަވައި އެކަމާމެދު ސުވާލު ކުރެއްވިއެވެ. ދެން އެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވި. " ސަލްމާނު އެބުނީ ތެދެވެ".